މަރަށް މަރު ހިފުމަށް ކޯޓުން ކުރާ ހުކުމް ސަރުކާރުން ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި އެ ހުކުމް ތަންފީޒު ނުކޮށް ކުށްވެރިޔާއަށް މާފު ދިނުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި އިމާމުން މިއަދު ވިދާޅުވި ޚުތުބާގައި ބުނަނީ މަރަށް މަރު ހިފުމަށް ޝަރީއަތުން ހުކުމް ކުރުމުން ގާތިލަށް މައާފު ކުރެވޭނީ ހަމައެކަނި މަރުވި މީހާގެ އާއިލާއަށް ކަމަށާއި އެއީ ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އަދި މަރުވި މީހާގެ ވާރުތަވެރިން މަރަށް މަރު ހިފަން ބޭނުންނަމަ އެކަން ކުރުމަކީ ރައީސުޖް ޖުމްހޫރިއްޔާގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއްކަމަށް ވެސް ޚުތުބާގައި އިމާމުން ވިދާޅުވި އެވެ.

"... ގިސާސް ހިފުން ވަނީ 'ގަތުލު އަމްދު' ގައެވެ. ޝުބުހައެއް ނެތި ނުހައްގުން ގަސްތުގައި މީހުން މެރުމުންނެވެ. އޮޅިގެން ނުވަތަ ގަސްތުގައި ނޫންގޮތަކުން ކުރެވޭ ކުށެއްގެ އަދަބު ތަފާތުވާނެ އެވެ. ގިސާސްގައި [މަރަށް މަރުހިފުމަށް ޝަރީއަތުން ހުކުމް ކުރުމުން] ގާތިލަށް މާފު ކުރެވޭނީ ހަމައެކަނި މައްޔިތާގެ އާއިލާއަށެވެ. މައްޔިތާގެ ވާރިސުން ގިސާސް [މަރަށް މަރު] ހިފަން ބޭނުންވާނަމަ އެކަން ގާއިމްކޮށް ދިނުމަކީ ހާކިމުގެ [ރައީސުލް ޖުމްހޫރިއްޔާ] މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. ހާކިމަށް ނުވަތަ ސަރުކާރަށް އިސްވެ އެކަމުގައި މައާފެއް ނުކުރެވޭނެ އެވެ،" ހުކުރު ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަންވާނީ "ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެ" އިން މަރުގެ ހުކުމް "ތަސްދީގު" ކުރުމުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ބާރުގަދަ ގައުމަކުން ބުނާ އެއްޗަކަށް ބަލައި ނުވަތަ އިންސާނީ ހައްގުތަކާ މެދު ދައުވާ ކުރާ ބަޔަކު ދައްކާފާނެ ވާހަކަތަކަކަށް ބިރުން ގިސާސްގެ ހުކުމް ގާއިމް ނުކޮށް ދޫކޮށްލުމަކީ މުސްލިމުންނަށް ހުއްދަ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ ގިސާސްގެ ހުކުމްތަކާއި މެދު ފާޑުކިޔާއި، އެ ހުކުމް ގާއިމްކޮށްފިނަމަ ގައުމުގެ އެންމެން މަރުވެ ހިނގައިދާނެ ކަމަށް ބުނެ އިސްލާމީ ޝަރީއަތުގައިވާ އެފަދަ މަތިވެރި ހުކުމްފުޅަށް ފުރައްސާރަ ކުރުމަކީ އެއްވެސް ގޮތަކަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އަދި މަރަށް މަރު ހިފުމުން އެކަމުގެ ސަބަބުން މުޖުތަމައުއަށް އުފާވެރި ކަމާއި އަމާންކަމާއި ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށެވެ.