ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ބެލެވޭ ފަރާތްތައް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ސަރުކާރުން ހިންގާ ހަރަކާތްތަކުން އެއްފަރާތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މަލީހު ޖަމާލް ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގެ ބައެއް ފަރާތްތައް ފާހަގަވެފައިވާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ބާއްވާ ޓޫރިޒަމް ޕްރޮމޯޝަންތަކުން އެފަދަ ޓްރެވަލް އެޖެންޓުންނާއި ރިސޯޓްތައް އެކަހެރި ކުރަން ނިންމާފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި އެބޭފުޅުން ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް މަސައްކަތް ކުރާކަން. އެފަދަ ބޭފުޅުން އަނެއްކާ އަޅުގަނޑުމެން ކައިރިއަށް ވަޑައިގެން އަޅުގަނޑުމެންގެ ޕްރޮމޯޝަންތަކުގައި ބައިވެރިވާން އެދިވަޑައިގަންނަވާ. އެކަމަކު އަޅުގަނޑުމެން ކިހިނެތްތޯ އެފަދަ ފަރާތްތައް ބައިވެރި ކުރާނީ، އެފަދަ [ފަރާތްތައް] އެކަހެރި ކުރުން ނޫންގޮތެއް ނޯންނާނެ،" މަލީހު ވިދާޅުވި އެވެ.

ރައީސް މުހަންމަދު ނަޝީދު ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ރާއްޖެއަށް ޓޫރިސްޓުން ނައުމަށާއި ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހަދާފައިވާ ބުކިންސްތައް ވެސް ކެންސަލް ކުރުމަށް ގޮވާލައިފަ އެވެ. އެ އިންޓަވިއުގައި ރައީސް ނަޝީދުގެ އެކޮނޮމިކް އެޑްވައިޒަރަކަށް ހުންނެވި އަލީ ޝީޔާމް ވެސް ވަނީ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ ގޮވުންތަކަށް ތާއީދުކޮށްފަ އެވެ. އޭނާއަކީ ރިސޯޓުތަކެއްގެ ހިއްސާ އޮންނަ ބޭފުޅެކެވެ.

އަދި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަކާ ދިމާކޮށް ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ފަރަހަނާޒް ފައިސަލް އިސްވެ ހުންނަވައިގެން ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ހިތްވަރުދޭ ލިޔުންތަކެއް ބަހާފަ އެވެ.

އަދި ޓުވިޓާ އާއި ފޭސްބުކްގައި ވެސް އަންނަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކެމްޕޭނެއް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. އެ ކެމްޕޭންތަކަށް ފަރަހަނާޒް ވަނީ ހިތްވަރުދެއްވައިފަ އެވެ. އެކަން ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ވެސް ވަނީ އައިސްފަ އެވެ.

މަލީހު ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓް ކުރަން ބަޔަކު ކުރާ މަސައްކަތުން ރާއްޖެއަކީ ޓޫރިސްޓުންނަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ނުކުރެވޭނެ ކަމަށާއި ޓޫރިޒަމް ބޮއިކޮޓް ކެމްޕޭންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ވަރުބަލިވުމެއްނެތް ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަންދެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޓޫރިޒަމް ބޮއިކޮޓް ކެމްޕޭންތައް ބަލިކުރެވޭނެ ކަމަށް، އެ ގާބިލުކަން އަޅުގަނޑުމެންގެ އެބަހުރި،" މަލީހު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޓޫރިޒަމް ބޮއިޓް ކުރުމާއި ވިޔަފާރިތަކަށް ހުރަސް އެޅުމަށް ގޮވާލައި އަޑުތަކަށް ދުނިޔޭގެ އެއްވެސް ގައުމަކުން އިޖާބަ ނުދޭނެ ކަމަށެވެ.

"އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ކުރާނެ ކަންކަމެއް ނޫން، [ސިޔާސީ މަގުސަދުތަކަށް ވިޔަފާރިތަކަށް ހުރަސް އެޅުން] އެފަދަ އަޑުތަކަށް އިޖާބަ ދޭނެ ގައުމެއް ނުހުންނާނެ،" މަލީހު ވިދާޅުވި އެވެ.