13 Jul 2012, 14:08
ދިމިޝްޤު (ޖުލައި 13): ސޫރިޔާ ސިފައިން އެޤައުމުގެ ރަށެއްކަމަށްވާ ޙަމާގެ ރައްފުށުގެ ސަރަޙައްދެއް ކަމަށްވާ އައްތްރީމްސާ އަށް ޙަމަލާދީ 220 އަށް ވުރެ ގިނަ އާންމުން މަރާލައިފި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ސޫރިޔާގެ އިދިކޮޅު ޙަރަކާތްތައް ކޯޑިނޭޓްކުރާ ކޮމިޓީތަކުން ސިފަކުރީ މިއީ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމުން ހިންގި އައު ޤަތްލުއާންމެއްކަމުގަ އެވެ. އައްތްރީމްސާ ސަރަޙައްދަށް ސޫރިޔާގެ ވައިގެ ސިފައިން ޙަމަލާދިނީ މިއަދު ހެނދުނު ކަމަށާއި ޙަމަލާތައް އަމާޒުކޮށްފައި ވަނީ އާންމުންގެ ގެދޮރަށް ކަމަށާ ޢަސްކަރީ މަތިންދާބޯޓުތަކުގެ އިތުރުން ބޮޑުބަޑިން ވެސް ވަރުގަދަ ޙަމަލާތަކެއްދިން ކަމަށް މިކޮމިޓީތަކުން ބުނެ އެވެ.
ބައިބައިވެފައިވާ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޢަސްކަރީ ޖަމާއަތް ކަމަށްވާ "ސީރިޔަން ފްރީ އާމީ"ގެ ކޮމާންޑަރު ކާރނަލް ރިޔާޒުލްއަސްޢަދް ވަނީ އައްތްރީމްސާއަށް އޭނާގެ ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން ނުވަންނަކަމަށާއި ނަމަވެސް ސޫރިޔާގެ ސިފައިން އެރަށުގައި ތިބިކަމަށް ވިދާޅުވެފަ އެވެ. ސޫރިޔާ ސަރުކާރުގެ ރަސްމީ ޓީވީން ވަނީ އައްތްރީމްސާ އަށް ގޮތްނޭންގޭ ޓެރަރިސްޓުންގެ ބަޔަކު އަރައި ވަޅިންނާއި އެނޫންތަކެތި ބޭނުންކޮށްގެން އާންމުންގެ އެތަށްބަޔަކު ކަތިލައި މަރާލާފައިވާ ކަމަށްބުނެފަ އެވެ.
ސޫރިޔާގައި ޓެރަރިސްޓުންގެ ގޮތުގައި މިފަދަ ޤަތްލުއާންމުތައް ހިންގާކަމަށް ޝައްކުކުރެވޭ އެއްބަޔަކީ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ހަނގުރާމަވެރި މިލީޝިޔާތަކެވެ. މީގެތެރޭގައި ހިމެނޭ އެންމެ އަނިޔާވެރި އަދި އެންމެ ނުރައްކާތެރި ޖަމާއަތަކީ ޝައްބީޙާ މިލީޝިޔާ އެވެ. މިފަދަ ޖަރީމާތައް ހިންގާ ކަމަށް ޝައްކުކުރެވޭ އަނެއްބަޔަކީ ޢިރާޤުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ވަންނަމުންދާކަމަށް ބުނެވޭ އަލްޤާޢިދާ ހަނގުރާމަވެރިންނެވެ.
އެންމެފަހުން ސޫރިޔާގައި ހިންގި ޤަތްލުޢާންމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވިފައިވަނީ ވެސް ބައްޝާރަށް ތާއީދުކުރާ މިލީޝިޔާތަކާއި އަލްޤާޢިދާގެ ހަނގުރާމަވެރިންގެ މައްޗަށެވެ. އައްތްރީމްސާގެ އާންމުން ބުނި ގޮތުގައި މިއަދު ހެނދުނު އެރަށަށް ގޮތްނޭންގޭ ބަޔަކު ވަޅިއާއި ކޯރާޑީ ފަދަަތަކެތި ހިފައިގެން އަރައި ގެތަކަށްވަދެ ޢާއިލާތައް ހުރިހުރިގޮތަށް ކަތިލައި މަރާފައިވާ ކަމަށާއި މީހުން މަރާލުމަށް ފަހު އެމީހުންގެ ހަށިތައް އަންދާފައިވާ ކަމަށް ވެސް އާންމުން ބުނެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)