13 Jul 2012, 13:49
ރާމަﷲ (ޖުލައި 13): އިސްރާއީލުގެ ޙިސާރުގެ ދަށުގައި ހުންނަވަނިކޮށް ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު ޢަރަފާތު އަވަހާރަވީ އޭނާ އަށް ވިހަދީގެންކަން ފަލަސްތީނުން ކުރި ތަޙްޤީޤްތަކުން ވެސް ހާމަވެއްޖެ ކަމަށް މިމައްސަލަ ތަޙްޤީޤްކުރާ ފަލަސްތީނުގެ މެޑިކަލް ކޮމިޓީގެ ޗެއަމަން ޑޮކްޓަރު ޢަބްދުﷲ އަލްބަޝީރު ވިދާޅުވެއްޖެ އެވެ.
ރާމަﷲގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި އޭނާ ވިދާޅުވީ ޢަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުންކަން މިހާތަނަށް އެ ކޮމިޓީން ކުރި ހުރިހާ ތަހްޤީޤްތަކަކުން ވެސް ސާބިތުވެފައިވާ ކަމުގަ އެވެ. ޢަރަފާތު އަވަހާރަވީ ނިއުކްލިޔާ ވިހައިގެ ސަބަބުންކަން އެންމެ ފުރަތަމަ ހާމަވީ އޭނާ ބޭނުންކުރެއްވި ތަކެއްޗާއި ހެދުންކޮޅުތައް ފަދަ ޕާސަނަލް ތަކެތި ސްވިސްޓްޒަރލޭންޑްގެ ޚާއްސަ ލެބޯޓްރީއެއްގައި ޓެސްޓް ކުރުމުން ނިއުކްލިޔާ ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ އަސަރު އެތަކެތީގައި ވަރަށް ބޮޑަށް ހުރިކަން ސާބިތުވުމުންނެވެ. މިތަހްޤީޤްކުރީ ޤަތަރުގެ އަލްޖަޒީރާ ޓީވީ ޗެނެލްއިންނެވެ.
ޢަރަފާތުގެ ހަށިކޮޅު ވަޅުލެވިފައިވާ ފަސްގަނޑުގަ އާއި އޭނާގެ ކަށީގައި ޕޮލޯނިޔަމްގެ އަސަރު ހުރިތޯ ބެލުމަށް ޓަކައި ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ވަނީ ދެއްވާފަ އެވެ. ޢައްބާސްގެ މި ހުއްދައާ އެކު މި މަސައްކަތް ކުރުމަށްޓަކައި ރާމަﷲ އަށް ވަޑައިގަތުމަށް ސްވިސްޓްޒަރލޭންޑްގެ ޚާއްސަ ލެބޯޓްރީގެ ޓެކްނިކަލް ތަޖްރިބާކާރުންނަށް ފަލަސްތީގެ ސަރުކާރުންވަނީ ދައްވަތު ދީފަ އެވެ. މިދައްވަތު އެބޭފުޅުން ޤަބޫލުކުރައްވާފައިވާ ކަމަށާއި އެބޭފުޅުން ރާމަﷲ އަށް ވަޑައިގަތުމުގެ ތައްޔާރީތަކާއި ޢަރަފާތުގެ ކައްވަޅުން ސާމްޕަލް ނެގުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ކުރަމުންގެންދާ ކަމަށް ޑޮކްޓަރ ޢަބްދުﷲ އަލްބަޝީރު ވިދާޅުވި އެވެ.
ޢަރަފާތު އަވަހާރަވީ އިސްރާއީލުގެ ޙިސާރުގެ ދަށުގައި ހުންނަވަނިކޮށް އޭނާގެ ޙާލުކޮޅު މަބޮޑަށް ދަށަށް ދިޔުމާ އެކު ފަރަންސޭސި އޭރުގެ ރައީސް ޖެކް ޝިރާކް ފޮނުއްވި ޚާއްސަ ޖެޓެއްގައި ޕެރިހަށް ގެންގޮސް ޕެރިހުގެ ޢަސްކަރީ ހޮސްޕިޓަލެއްގައި އޭނާ އަށް ފަރުވާދެމުން ގެންދަނިކޮށެވެ. ޢަރަފާތު އަވަހާރަވި ސަބަބު ބަޔާންކުރުމަށް އެދުވަސްވަރު ވެސް އަދި މިހާރު ވެސް ފަރަންސޭސި ހޮސްޕިޓަލުން ފަސްޖެހިފައިވާ އިރު ޢަރަފާތުގެ މަރުގެ މައްސަލާގައި ފަލަސްތީނުންކުރި ތަޙްޤީޤްތަކަށް އެއްބާރުލުން ދިނުމަށް ވެސް އެހޮސްޕިޓަލުން ދެކޮޅު ހަދާފައިވާ ކަމަށް ފަލަސްތީނުގެ މެޑިކަލް ކޮމިޓީން ބުނެ އެވެ.
ޢަރަފާތަށް ވިހަލީކަމުގެ ތުހުމަތު އޭނާގެ ޢާއިލާއިންނާއި ފަލަސްތީނުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަނީ އިސްރާއީލުގެ މައްޗަށެވެ. ނަމަވެސް މިކަމުގައި އަތެއްވެދާނެކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށާއި ފަލަސްތީނުގެ ބައެއް ޚާއިނުންގެ މައްޗަށް ވެސް މިފަރާތްތަކުން ކުރެ އެވެ. (ނޫސްއެޖެންސީތައް)