އދ. މަޖިލިސް (ޖުލައި 13): އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ 41 ވަނަމާއްދާގެ ދަށުން ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ޤައުމުތަކުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޒޮލިއުޝަނާ ދެކޮޅަށް ވީޓޯ ކުރާނެކަމުގެ ބިރު ރަޝިޔާ ދެއްކުމުން މިޤަރާރާގެން ކުރިޔަށް ދިޔުމުގެމަގު ހުޅަނގުގެ ބާރުތަކަށް ބަންދުވެއްޖެވެ.

ރަޝިޔާ އިން ދެއްކި ވީޓޯގެ ބިރާއެކު، މިޤަރާރުގެ ދެލިކޮޕީއާބެހޭ ގޮތުން ހުޅަނގުގެ ބާރުތަކާއި ރަޝިޔާއާދެމެދު އިއްޔެ އދ.ގައި ބޭއްވި ނުރަސްމީ ބައްދަލުވުން ނިމިފައި ވަނީ ކޮޅެއްގައި ނުޖެހި އެވެ. މިބައްދަލުވުމުން ނުކުމެވަޑައިގަންނަވަމުން ޖަރުމަނުގެ ސަފީރު ޕީޓަރ ވީޓިގް ވިދާޅުވީ އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެޅުމުގެ ފުރްސަތު ނުދޭނެކަން ރަޝިޔާ އަންގާފައިވާ ކަމަށާއި ރަޝިޔާގެ ނުރުހުމުގައި ސަލާމަތީ މަޖިލިސް މެދުވެރިކޮށް ސޫރިޔާއާދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ނެކަމީ ހަޤީޤަތެއް ކަމުގައެވެ.

މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރަންސޭސި ސަފީރު ޖިރާރު އާރޯ މަލާމާތުގެ ރާގެއްގައި ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި ރަޝިޔާއާއި ހުޅަނގާ ދެމެދުގައި 15 ކިލޯ މީޓަރުގެ ދުރުމިން ހުރިއިރު ރަޝިޔާއާ ވާހަކަ ދައްކައި ބައްދަލުވުން ބާއްވާ ކޮންމެ ފަހަރަކު ކުރިޔަށްދަނީ އެންމެ ފަސް ސެންޓިމީޓަރު ކަމުގަ އެވެ. ރަޝިޔާގެ ސަފީރުގެ އެހީތެރިޔާ އީގޯރު ބާންކިން ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ރަތް ރޮނގު ކަމަށާއި މިރޮނގު ހުރަސްކުރުމުގެ ފުރްސަތު ހުޅަނގަށް ރަޝިޔާއިން ނުދޭނެކަމުގަ އެވެ.

ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ހުޅަނގުގެ ބާރުތަކުން މިހާތަނަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ދެ ޤަރާރު ވެސް ރަޝިޔާ ވަނީ ވީޓޯކޮށްފަ އެވެ. މިވީޓޯގައި ޗައިނާ ވެސް ބައިވެރިވެފައިވެ އެވެ. ރަޝިޔާ އާއި ޗައިނާ އިން އެދެޤައުމުގެ ބާރު އދ.ގައި ދައްކަމުން ގެންދާ އިރު ޢިރާޤާއި ލިބިޔާ އާއި އަފްޣާނިސްތާނާދެކޮޅަށް އަދި އިސްރާއީލުގެ ޙިމާޔަތުގައި އދ.ގައި ބޭނުން ގޮތަކަށް ޤަރާރުތައް ފާސްކޮށް ބާރުދައްކަމުން ގެންދިޔަ އެމެރިކާ އާއި ޔޫރަޕް މިހާރުވަނީ މައިތިރިވެފަ އެވެ.

ސޫރިޔާއާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ހުޅަނގުގެ އިޚްލާސްތެރިކަން ނެތްކަމަށް ރަޝިޔާބުނެ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންލި ބޭނީ ސޫރިޔާގެ ރައްޔިތުންނަށް ކަމަށާއި ސޫރިޔާގެ ވެރިކަމުގެ ނިޒާމަށް ނޫންކަމަށްވެސް ރަޝިޔާ ބުނެ އެވެ. ސޫރިޔާއާ ދެކޮޅަށް ފާސްކުރަން ހުޅަނގުން މަސައްކަތްކުރާ ޤަރާރު ގޮވާލަނީ ސޫރިޔާއާ ޑިޕްލޮމެޓިކް ގުޅުންތަކުގެ އިތުރުން އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލުމާއި މުވާސަލާތުގެ ގުޅުންތައް ކަނޑާލުމާއި ޓެލެކޮމިއުނކޭޝަންގެ ގުޅުންތައް ކަނޑާލުމަށެވެ. (ނޫސްއެޖެންސީތައް)