އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ ޝަރީއަތް ފެށުމުގެ ކުރިން އަންނަ އާދީއްތަ ދުވަހު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު އިއްޔެ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ 13 މީހުން ވެސް ތިބީ އައްޑޫގައި ކަމަށާއި އާދީއްތަ ދުވަހު އިބްތިދާއީ އަޑުއެހުން ބާއްވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.

މަނިކު ވިދާޅުވީ އާދީއްތަ ދުވަހު އިބްތިދާއީ އަޑުއެހުން ބާއްވާ އިރު މި މަހުގެ 22 ވަނަ ދުވަހު އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެިހިފައިވާ ކަމަށެވެ.

ހުޅުދޫ ކޯޓުގައި ހުޅުޖެހިކަމަށް ތުހުމަތު ކުރެވޭ އެ 13 މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް އަވަހަށް ނިންމުމަށްޓަކައި ގާޒީ ސާފުކުރަން ޖެހޭ ބައެއް މައުލޫމާތުތައް ސާފުކޮށް ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށް ޓަކައި ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުވާ ލިބޭ މީހުންނަށް ވަކީލަކު އައްޔަން ކުރުމަށް މުއްދަތެއް ކަނޑައެޅުމަށް ފަހު އެ ފުރުސަތު ކޯޓުން ދޭނެ އެވެ.

އައްޑޫ ސިޓީގެ އެކިއެކި ތަންތާގައި ހުޅުޖެހި މައްސަލައިގައި ޝަރީއަތަށް ނުފޮނުވި އަދިވެސް 47 މީހެއްގެ މައްސަލަ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގަ އެވެ. އެ އޮފީހުން ބުނީ ދައުވާ ކުރަން ނުފޮނުވި ލަސްވަނީ ދައުވާ ކުރުމަށް ޓަކައި އިތުރު ހެއްކާއި ގަރީނާ ބޭނުންވާތީ ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޕިޖީ އޮފީހުން ބުންޏެވެ.

އައްޑޫ ސިޓީގެ އިތުރުން ފެބްރުއަރީ އަށް ވަނަ ދުވަހު ދެން އެންމެ ބޮޑަށް ހުޅުޖަހައި އަންދާލާފައި ވަނީ ގދ. ތިނަދޫގެ ދައުލަތުގެ އިމާރާތްތަކުގަ އެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގައި ބޭނުންކުރަމުން ދިޔަ ވެހިކަލްތަކާއި އެ ރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި 108 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އަދިވެސް ދިރާސާކޮށް ނުނިމޭ ކަމަށެވެ.