13 Jul 2012, 13:34
ނ. ހޮޅުދޫގައި ހުރި ފުލުހުންގެ ޕޯސްޓް އަންދާލުމާއި ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުމަށް އައު އިމާރާތެއް އެރަށު ރައްޔިތުން ހަމަޖައްސައި ދީފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ރޭ ވިދާޅުވީ ހޮޅުދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ އިމާރާތުގައި ބުދަ ދުވަހުގެ ރޭ ރޯކޮށްލާފައި ވާތީ އެރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އިތުރު އިމާރާތެއް ރައްޔިތުން މިހާރު ހަމަޖައްސާފައިވާކަމަށެވެ.
"މިބާވަތުގެ އަމަލުތަކަކީ ރައްޔިތުން އެގޮތް ބޭނުންވެގެން ރައްޔިތުން އެކަމަށް އެދިގެން ހިނގާ އަމަލުތަކެއް ނޫންކަން އަޅުގަނޑުމެން ވެސް ގަބޫލުކުރަން. ހޮޅުދޫ ރައްޔިތުން މިއަމަލު ވަރަށް ބޮޑަށް ކުއްވެރި ކުރިކަމާއި އެރަށު ރައްޔިތުން ފުލުހުންގެ ޚިދުމަތް ގާތުން ބޭނުންވާތީ އިތުރު އިމާރާތެއް މިހާ އަވަހަށް ހަމަޖައްސައިދީފައިވާކަން ފާހަގަކޮށްލަން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެ އިމާރާތުގައި ހުޅުޖަހާފައި ވަނީ ހޮޅުދޫ ރައްޔިތުން އެދިގެން ނޫންކަމަށާއި ތުހުމަތު ކުރެވޭގޮތުގައި އެއީ މިހާރު އެމްޑީޕީން ކުރަމުންގެންދާ މުޒާހަރާތަކާއި ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ފިތުނަވެރިކަމުގެ ސަބަބުން ހިންގާފައިވާ ކަމެއް ކަމަށެވެ.
އެ އިމާރާތުގައި ރޯކޮށްލުމުން އެތާގެ ތެރޭގައި ހުރި ފުލުހުން ބޭނުންކުރުމަށް ގެންގޮސްފައި ހުރި ބައިސްކަލަކާއި ތިން ސައިކަލެއް ވަނީ އަނދާ ހުލިވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގު ނިންމައި ވީ އެންމެ އަވަހަކަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.