13 Jul 2012, 13:06
ރެއިން ފެށިގެން ދުނިޔޭގެ މީޑިޔާތަކުގައި އެންމެ ބާރަށް ފެތުރޭ އަޑަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޭނުން ކުރާ ސްލޯގަން "ދަ ސަނީ ސައިޑް އޮފް ލައިފް" ސިޔާސީ އެކްޓިވިސްޓުން ހައިޖެކް ކުރި ވާހަކަ އެވެ. އަދި އަނެއްބައި މީޑިޔާތަކުން ރިޕޯޓުކުރަމުން ދިޔައީ ރާއްޖޭގައި ހިނގަމުންދާ އެކި ހަރަކާތްތަކާ ހުރެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހިންގޭ ކެމްޕޭން ފެނަށް ދިޔަ ވާހަކަ އެވެ. ދުނިޔޭގެ މަޝްހޫރު ނޫސްތައް ކަމުގައިވާ ގާޑިއަން އާއި ޓްރެވަލް ހަބަރުތަކަށް މަޝްހޫރު "ޓްރެވަލް" މެގަޒިން އަދި "ދަ ޑެއިލީ ޓްރެވަލާ"ގައި ވެސް ހުރީ އެވާހަކަތަކެވެ.
ޓޫރިސްޓުންނަށް ރާއްޖެ އިޝްތިހާރު ކުރާ ސަރުކާރުގެ މައި ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ޓްވިޓާ ހޭޝްޓެގް ކެމްޕޭން "ސަނީ ސައިޑް އޮފް ލައިފް" ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތް މި ހަފްތާ ފެށިފަހުން މީވީ ދެތިން ދުވަހެއްގެ ތެރޭގައި އެ ހޭޝްޑެގް ބޭނުން ކުރާ ގޮތާއި މެދު ވަނީ ސުވާލުއުފެދިފަ އެވެ.
"ސަނީ ސައިޑް އޮފް ލައިފް" ހޭޝްޓެގް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ރަސްމީކޮށް ބޭނުން ކުރަން ފަށަމުން އެމްއެމްޕީއާރުސީން ބުނެފައި ވަނީ ޓްވިޓާގެ ގްލޯބަލް ޓްރެންޑަކަށް، ނޫނީ ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު މައުލޫއަކަށް ހަދާނެ ކަމަށެވެ.
ނަމަވެސް މިދިޔަ ދެ ދުވަހު އެ ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓްވުމުގެ ބަދަލުގައި ރާއްޖެއާ މެދު ނެގެޓިވް ޓްވީޓްތައް، ނޫނީ ޓުވިޓާގައި ރާއްޖެއާ މެދު ނޭދެވޭ ވާހަކަތައް އަންނަނީ ފަތުރަމުންނެވެ. ހާއްސަކޮށް އެމްޑީޕީއަށް ސަޕޯޓް ކުރާ ފަރާތްތަކެވެ.
"ރައްޔިތުންގެ ވެރިކަމާއި ޑިމޮކްރަސީ" ރާއްޖެއަށް އަލުން އަނބުރާ ނުގެނެވެނިސް އަމާން ސުވަރުގެއަކަށް ރާއްޖެ ނުވާނެ. "ސަނީ ސައިޑް އޮފް ލައިފް،" ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ސަފީރަކަށް އިނިގިރޭސި ވިލާތުގައި ހުންނެވި ފަރަހަނާޒް ފައިސަލް ޓުވިޓާގައި ޓުވީޓް ކުރައްވައިފައިވެ އެވެ.
ސަނީ ސައިޑް އޮފް ލައިފްގެ އިތުރަށް ރާއްޖެ ޕްރޮމޯޓް ކުރަން ބޭނުން ކުރާ ޒަމާންވީ އެހެން ޓެގްތައް ކަމަށްވާ "މޯލްޑިވްސް" ހޭޝްޓެގާއި "އޯލްވެސް ނެޗްރަލް" ހޭޝްޓެގްވެސް ޝޯޝަލްނެޓްވޯކުގައި މިހާރު ބޭނުން ކުރަނީ ރާއްޖޭގެ ގޯސްވާހަކަ ނޫނީ ޓޫރިޒަމް ބޮޔެކޮޓް ކުރުމުގެ ވާހަކަތައް ފެތުރުމަށެވެ. ނޫނީ ޓޫރިސްޓުން ބިރުގަންނަވާ ފަދަ މެސެޖްތައް ފެތުރުމަށެވެ.
"ރާއްޖޭގެ ރީތި ގޮޑުދަށާއި މޫދުތައް ވަނީ ޑިމޮކްރަސީއަށް މަސައްކަތް ކުރާ ދިވެހިންގެ ލެއިން ތައްތެޅިގެންނެވެ." ސަނީ ސައިޑްގެ ޓެގާއި އެކު ޕޯސްޓްކޮށްފައިވާ މެސެޖެއްގައިވެ އެވެ. "ތިރީސް އަހަރުގެ ޑިކްޓޭޓަރެއް އެބުރި އައިސްފި އެވެ. އެކަމަކު ކަލޭމެން [ޓޫރިސްޓުން] ލާރިތައްތި ދެނީ އެ ޑިކްޓޭޓަރަށެވެ،"
ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރުމުގެ ތެރެއިން ހިންގޭ، ސަނީ ސައިޑް އޮފް ލައިފް ހޭޝްޓެގް ހައިޖެކް ކުރުމާގުޅޭ ގޮތުން ފަރަހަނާޒް ގާޑިއަން އަށް ދެއްވާފައިވާ އިންޓަވިއުގައި ބުނެފައި ވަނީ އެކެމްޕޭނުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރުން ނޫން ކަމަށާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ހަގީގަތް ރާއްޖެ ޒިޔާތްކުރާ މީހުންނަށް ބުނެދިނުން ކަމަށެވެ.
"ރާއްޖޭގައި ހިނގަމުން އެބަދޭ ރައްޔިތުންނާ މެދު ބޮޑަތި އަނިޔާވެރި އަމަލުތައް، އެކަންތައްތައް ރާއްޖެ ޒިޔާރަތް ކުރާ މީހުންނަށް ވެސް އެނގެން ޖެހޭނެ، އެ ކެމްޕޭނުގެ މަގުސަދަކީ ހަމަ އެކަނި އެކަން ސަމާލުކަމަށް ގެނައުން، ޓޫރިޒަމް ބޮޔޮކޮޓެއް ނޫން،" ފަރަހަނާޒް ވިދާޅުވި ކަމަށް ގާޑިއަންގައިވެ އެވެ.
ރައީސް ނަޝީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ ރާއްޖެއަށް ޓޫރިސްޓުން ނައުމަށާއި އަދި ބުކިންސްތައް ވެސް ކެންސަލްކުރުމަށް ޓޫރިސްޓުންނަށް ގޮވާލައްވައި "ފައިނޭންސްޝިއަލް ޓައިމްސް"އަށް އިންޓަވިއުދެއްވައިފަ އެވެ.
ޓުވިޓާގައި މިހާރި ހިނގަމުންދާ ކެމްޕޭން ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް އައުމުން ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އިސްކޮށް އުޅުއްވާ އެމްއެމްޕީއާރުސީ ހިންގުމާ ހަވާލުވެ ހުންނެވި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓާ މަލީހު ޖަމާލް މިއަދު ވިދާޅުވީ އެ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ދުނިޔޭގެ ގައުމުތަކުން އެފަދަ ކަންތައްތައް ބަލައި ނުގަންނާނެ ކަމަށެވެ.
"މިއީ ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރަން ރޭވިގެން ކުރެވޭ ކަންކަން، އަޅުގަނޑުމެން ބީބީސީ ތަންތާ ރާއްޖެ ޕްރޮމޯޓް ކުރަން ފެށީމައި އެބޭފުޅުން މި އުޅުއްވަނީ، އަޅުގަނޑުމެން ރާއްޖެ ޕްރޮމޯޓް ކުރުމަށް މިކުރާ ކެމްޕޭނަށް ގުޑުމެއް ނާރާނެ، ހަމަ ދާނީ ވަރުގަދަވެގެން، މިއީ ރައީސް ނަޝީދާއި އެކު ޓޫރިޒަމް ބޮޔެކޮޓް ކުރުމުގައި އުޅުއްވާ ބޭފުޅުން ރާވައިގެން ކުރައްވައި ކަންކަން،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަނީ ސައިޑް އޮފް ލައިފް ހޭޝްޑެގް ކެމްޕޭން ނާކާމިޔާބަކަށް ނޫނީ ފްލޮޕަކަށް ވެގެން ދިޔަ ނުދެއްވާނެ ކަމަށާއި އެކަމަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އެ ޓެގް ހައިޖެކް ކުރެވިފައިވެސް ނެތް ކަމަށެވެ.
"އެ ޓެގް ހައިޖެކެއް ނުކުރެވޭނެ, މިސާލަކަށް ޓުވީޓް ކުރައްވާ މީހުންގެ ތެރެއިން އަސްލު މީހުން ވަރަށް މަދު، ކޮންމެވެސް ކަހަލަ އެހެންގޮތަކުން އިންނަ އެކައުންޓަކުން މި އިންނަނީ އެ ޓެގް ބޭނުންކޮށްގެން ޓުވީޓުކޮށްފައި، އަޅުގަނޑުމެންނަށް ޔަގީންކަން އަރުވަން ރާއްޖެ ޕްރޮމޯޓް ކުރަން ކުރާ އެއްވެސް ހަރަކާތެއް ފެއިލް ނުވާނެ ކަން." މަލީހު ވިދާޅުވި އެވެ.
ހަތެއް ފެބުރުއަރީގައި ވެރިކަން ވެއްޓުމާ އެކު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ނަމަވެސް އަލުން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުންނެވެ.