13 Jul 2012, 12:16
ހއ. އުލިގަމުން: ހުސައިން ހަސަން
ދިވެހިންގެ ފަންނުވެރި މަސައްކަތްތެރިކަން ފެނިގެންދާ ހުކުރު މިސްކިތުގެ ފަރުމާއާއެއް ގޮތަށް ހއ. އުލިގަމުގައި އިމާރާތް ކުރި މިސްކިތް ހުޅުވީ އިއްޔެ އެވެ. ރާއްޖޭގެ ވިޔަފާރި އާއިލާއެއްގެ ބައްޕަގެ ހަނދާނުގައި، ހިލޭ ސާބަހަށް މަސައްކަތް ކުރާ، އަލިފުޅު ތުއްުތު ފައުންޑޭޝަނުން އިމާރާތް ކުރި މިސްކިތް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޝެއިހު މުހައްމަދު ޝަހީމް އަލީ ސައިދު އެވެ.
"މަސްޖިދް މޫސާ އަލީ"ގެ ނަން ދީފައިވާ ހުކުރު މިސްކިތުގެ މޮޑެލްގެ މިސްކިތަށް އެއްފަހަރާ 700 މީހުންނަށް ނަމާދަށް އެރެ އެވެ. އެއީ ރަށުގެ އާބާދީއަށް ވުރެ ބޮޑު 200 ވަރަކަށް މީހުންގެ ޖާގަ ބޮޑު އަދަދެކެވެ. މި ރަށުގެ އާބާދީ އަކީ 550 ވަރަކަށް މީހުންނެވެ.
ދެ އަހަރުގެ މަސައްކަތަކަށް ފަހު، ރާއްޖޭއިން އުތުރުން ދެ ވަނަ ރަށުގައި އިއްޔެ ހުޅުވި މިސްކިތާމެދު ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ؛ ދެ ސަބަބެއް އޮވެގެންނެވެ. އެއް ސަބަބަކީ ރަށުގައި ހުރި ކުޑަކުޑަ މިސްކިތުގައި ޖާގައިގެ ދަތިކަން ބޮޑުވުމުގެ ހައްލަކަށް އަލަށް އެޅި މިސްކިތް ވުމުވެ. އަނެއް ސަބަބަކީ ރައީސް މައުމޫނާއި ނަޝީދުގެ ސަރުކާރުގައި ވެސް އެ ރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް އެކަން ނުކުރެވި ވަނިކޮށް މިފަދަ ޒަމާނީ މިސްކިތެއް ލިބުމެވެ.
ރައްޔިތުން އުފާވާ އަނެއް ކަމަކީ ރާއްޖޭގެ ރައްޔިތުން ފަހުރުވެރިވާ، އެތައް ސަތޭކަ އަހަރުވެފައިވާ ތާރީހީ ބިނާ، ހުކުރު މިސްކިތުގެ ފަރުމާއާ އެއްކޮގަށް މިސްކިތެއް މި ރަށުގައި ބިނާ ކުރުމެވެ.
ކަވި މަސައްކަތްތެރިކަން ފެނިގެންދާ ހުކުރު މިސްކިތުގެ ފަރުމާއާއެގޮތަށް އިމާރާތް ކުރިޔަސް މިސްކިތަކީ ޒަމާނީ މިސްކިތެވެ. މިސްކިތުގެ އެތެރެ ބަލާމުން ފެންނަނީ ހުކުރު މިސްކިތް ބިނާކޮށްފައިވާ "ކޮންސެޕްޓާ" އެއްގޮތަށް ޒަމާނީ ކުލަތަކާ އެކު އިމާރާތްކޮށްފައި ހުރި ތަނެވެ. ނަމަވެސް މިސްކިތުގެ މަތީބެރިތަކުގެ ބަދަލުގައި އަޅާފައި ވަނީ ހުސް ލަކުނޑިތަކެވެ. ހުކުރު މިސްކިތުގެ އެތެރެއިން ބަލާމުމުން ލަކުނޑިންކޮށްފައިވާ ބުރަ މަސައްކަތް ފެންނަ ފަދަ އެވެ. ހުކުރު މިސްކިތުގެ އެތެރޭގެ ލަކުނޑިތަކުގައި ލިޔެފައިވާ ފަދަ ލިޔުންތައް އަދި ފެންނާކަން ނެތެވެ. ނަމަވެސް އެ ލިޔުންތަކާ އެއްގޮތަށް އެ ލިޔުންތައް ތަނބުތަކުގައި ތަތްކުރާނެ ކަމަށް އަލިފުޅު ފައުންޑޭޝަނުން ބުންޏެވެ.
ހިރިގަލުން ކަނޑާނަގާފައިވާ ބައްޓަންތައް ވެސް އެހާބޮޑަކަށް ފެންނާކަން ނެތެވެ. ނަމަވެސް ކޮންކުރިޓް ޑިޒައިންތަކުން މިސްކިތުގެ ބޭރު ވެސް ޒީނަތްތެރިކޮށްފައިވެ އެވެ.
އެ މިސްކިތް ފަރުމާކުރި އާކިޓެކްޗަރ ޝާން ވިދާޅުވީ ހުކުރު މިސްކިތުގެ ފަރުމާއާ އެއްގޮތަށް އެ މިސްކިތް ކުރަހާފައި ވަނީ އަލިފުޅު ދުއްތު ފައުންޑޭޝަންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ހުކުރު މިސްކިތުގެ ކަވި މަސަތްތައް މިސްކިތުގެ ތެރެއިން ގެނިގެން ނުދިޔަސް ޒަމާނީ އިންޖިނިއަރިންގެ ވަސީލަތްތަކާ އެކު އެ "ކޮންސެޕްޓް" ގެނެސްފައިވާނެ ކަމަށެވެ.
ނަމަވެސް މިސްކިތުގެ މުންނާރު ހުކުރު މިސްކިތުގެ މުންނާރާ ތަފާތެއް ނެތް ގޮތަށް ކުރަހައި ބިނާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލިފުޅު ތުއްުތު ފައުންޑޭޝަނުން އެގޮތަށް އެދުމުން ދެން ނަމާދަށް ދާވަގުތުތަކުގައި އެތެރޭގެ ކުރެހުންތައް ބަލައިގެން، ފޯނުން ފޮޓޯނަގައިގެން އައިސް އެ އެއްޗެހިތައް ކުރެހީ. ހަމަ ގައިމުވެސް ހުކުރު މިސްކިތުގެ މުންނާރު އިންނާ ގޮތަށް، އެ މިންތަކަށް މުންނާރު އެހެނީ ބިނާކޮށްފައި،" މެލޭޝިޔާ އިން އާކިޓެކްޗާއިން ޑިގްރީ ހާސިލްކޮށްގެން 2001 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޝާން ވިދާޅުވި އެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މިސްކިތް ބިނާ ކުރި ފަރާތްތަކަށް ތައުރީފު ހައްގުވާ ކަމަށެވެ. ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ރީތި އެއް މިސްކިތަކީ "މަސްޖިދް މޫސާ އަލީ" މިސްކިތް ކަމަށެވެ. ޒަމާނީކޮށް ދިވެހިވަންތަ ސިފަ އެ މިސްކިތުން ރަންމްޒުކޮށްދޭ ކަމަށް ވިދާޅުވި އެވެ.
ޝާން ވިދާޅުވީ އެ މިސްކިތަކީ ދިގު މުއްދަތަކަށް ދެމި ހުންނާނެ މިސްކިތެއް ކަމަށާއި ނަމަވެސް އެ މިސްކިތް ދިގުމުއްދަތަކަށް ދެ މިހުންނާނީ މިސްކިތް ބެލެހެއްޓެވި ވަރަކަށް ކަމަށެވެ.
އުލިގަމުގައި ބިނާކުރި މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ ތެރޭގައި ހިމެނޭ އިމާރާތެއްގެ ފަރުމާއާ އެއް ގޮތަށް އިމާރާތް ކުރި ފުރަތަމަ މިސްކިތެވެ.