13 Jul 2012, 01:58
އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) އިން ރާއްޖޭގެ މައްޗަށް ލާޒިމް ކުރާ ކަންކަމަށް އަރައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ކަމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމެޓީއަށް އޮޅުން ފިލުވައި ދެވިއްޖެ ކަމަށް މިވަގުތު ޖެނީވާގައި ހުންނެވި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖެނީވާގައި ހުންނަވައިގެން މިރޭ ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ އދ. ގެ ކޮމެޓީގައި އޭނާއާ ރާއްޖޭގެ ވަފުދު ތަމްސީލް ކުރި ގޮތުގެ މައްޗަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވާހަކަފުޅު ދައްކަވާފައި ވަނީ އިތުރުފުޅު ހައްދަވައިގެން ކަމަށާއި އިތުރުފުޅު ހެއްދެވުމުގައި ޑރ. ޝަހީދު ފަދަ މިސާލެއް ރާއްޖެއިން ނުފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޑރ. ޝަހީދު އިތުރުފުޅު ހެއްދެވި ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ އިންސާނީ މަދަނީ އަދި ސިޔާސީ ހައްގުތައް ކުރިއެރުވުމުގައި ވަރަށް ބޮޑެތި ކާމިޔާބު ހޯދާފައިވާ ސަރުކާރެއް ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ސާފުވެ އެކަން މިހާރު ގަބޫލު ކުރާ ކަމަށެވެ.
"އައިސީސީއާރަށް އަމަލު ނުކޮށް އެ މުއާހަދާގެ ދަށުން ރާއްޖޭގެ މައްޗަށް ލާޒިމްކުރާ ކަންކަމަށް އަރައިގަތް ސަރުކާރަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ރާއްޖޭގައި އޮތް ސަރުކާރު ކަން [މުހައްމަދު ނަޝީދުގެ ސަރުކާރުކަން] އެ ކޮމެޓީއަށް މިހާރު ވަނީ ވަރަށް ބޮޑަށް ސާފުވެފައި،" ޖަމީލް ވިދާޅުވި އެވެ.
އައިސީސީޕީއާރްގައި ރާއްޖެ ސޮއި ކުރުމަށްފަހު އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ މުއާހަދާތައް ބަލައި ރިވިއު ކުރާ ސެޝަނަށް ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަހެޅުމަށްފަހު އެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކާ ބެހޭ ގޮތުން މެންބަރު ގަުއމުތަކުން ކުރި ސުވާލުތަކަށް މިއަދު ޖަވާބުދާރީވުމާ ގުޅިގެން ޑރ. އަހުމަދު ޝަހީދު މީޑިޔާގައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދު ދެއްވާ ޑރ. ޖަމީލް ވިދާޅުވީ އެއީ ކޮންމެ ގައުމެއް ވެސް އެ މުއާހަދާގައި ބައިވެރިވުމަށްފަހު، މުއާހަދާގައިވާ ގޮތުގެ މަތިން ކަންކަން ފުރިހަމަ ކުރުމަށްޓަކައި ކުރެވުނު ކަންކަމާއި ހޯދި ކުރިއެރުން ބަޔާން ކުރުމަށް ދޭ ފުރުސަތެއް ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑަށް ހަބަރު ލިބިފައިވާ ގޮތުން މީޑިޔާ ތަކުގައި [ޑރ. ޝަހީދާ ހަވާލާދީ] ބުނެފައި ވަނީ ޖަވާބުދާރީ ކުރުވުމަށް ރާއްޖޭގެ ސަރުކާރު ހާޒިރު ކުރި ކަމަށް. އެއީ ހަގީގަތެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ކޮމެޓީއަށް އޭނާ މިއަދު ހުށަހެޅުއްވި ސްޓޭޓްމަންޓްގައި ރާއްޖެ މިހާރު އޮތް ހާލަތާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތާއި އެ ސަރުކާރު ބަދަލުވުމަށްފަހު ކަން ހިނގަމުން އަންނަ ގޮތާއި އިންކްއަރީ ކޮމިޝަނުގެ ވާހަކަ އާއި އެމްޑީޕީން މިހާރު ކުރާ މުޒާހަރާތަކުގެ ވާހަކަ ވެސް ހިމެނުއްވި ކަމަށާއި އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނަށް ސީރިއަސް އަނިޔާތައް ލިބޭ އިރު ނޫސްވެރިންނަށް ލިބޭ އަނިޔާތަކުގެ އަޕްޑޭޓެއް ވެސް ހިމަނުއްވާފައިވާނެ ކަމަށެވެ.
"އަޕްޑޭޓެއް އަޅުގަނޑު ދިނިން ފުލުހުންގެ ބެރިކޭޑްތަކުގައި އަލިފާން ޖެހި ކަމަށާއި ހިއުމަން ރައިޓްސް މިނިސްޓަރުގެ ކާރުކޮޅު އަންދާލިކަން ބުނެދިނިން، ރާއްޖޭގެ ފަހުގެ އަޕްޑޭޓް ދިނުމުން ކޮމެޓީގައި ތިއްބެވި ބޭފުޅުން އެކަން ފާހަގަކުރި،" ޖަމީލް ވިދާޅުވި އެވެ. "މީގެ އިތުރުން ނަޝީދުގެ ސަރުކާރުން ހިއުމަން ރައިޓްސްއަށް އަރައިގަތް އަރައިގަތުން އަޅުގަނޑުމެން ބަޔާކޮށް ދިނިން. 2010 ގައި ސިޔާސީ ލީޑަރުން ހައްޔަރު ކުރި ކަމާއި 2011 ގައި ހިނގި ކަންކަމާއި 2012 ގައި ހިނގައި ދޔަ ކަންކަމުގައި ޖިނާއީ ކޯޓްގެ އިސް ގާޒީ އާއި އަދި ސިޔާސީ އެހެން ފަރާތްތައް ހައްޔަރު ކުރުން އޮޅުން ފިލުވައި ދިނިން. އަދި މިހާރުގެ ސަރުކާރުން އިންސާނީ މަދަނީ ސިޔާސީ ހައްގުތައް ކުރިއަރުވަން ސަރުކާރުން ކުރާ ކަންކަން ވެސް ފާހަގަ ކުރިން،"
ރާއްޖެ ކޮމެޓީއަށް ދިޔައީ ތައްޔާރު ނުވެ ކަމަށް ދެކެވޭ ވާހަކަތައް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ރިޕޯޓާ ގުޅިގެން ކޮމެޓީން ފާހަގަ ކުރެއްވި ނުކުތާތަކަށް އޭނާ އެރުވި ޖަވާބަށް ކޮމެޓީގެ މެންބަރުން ހިތްހަމަޖެހުން ފާޅުކުރެއްވި ކަމަށާއި ކަންކަން ސާފުވިޔަސް އިތުރު ސުވާލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި ކަމަށެވެ.
"ޑރ. ޝަހީދު ދެނެވަޑައިގަންނަވާ މީހަކަށް އެއީ ކޮންބޭފުޅެއްކަން އެނގޭނެ. އެނގިވަޑައިގަންނަވާނެ ފަދައިން މި ކޮމެޓީއަށް މުއާހަދާގެ ދަށުން ރާއްޖެ ހުށަހެޅި އިބްތިދާއީ ރިޕޯޓުން ފާހަގަ ކުރި ނުކުތާތައް ސަރުކާރުން އޮޅުން ފިލުވައި ދިނުމަށް ބޭއްވި ސެޝަނެއް އެއީ. އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވިކަން ކޮމެޓީގެ ހުރިހާ ބޭފުޅުން ފާހަގަ ކުރެއްވި. އެކަން އޮތީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ލައިވް ވެބްކާސްޓް ކުރަމުން ދިޔަ އެހެންވީމަ މިއީ ފޮރުވޭނެ ކަމެއް ނޫން،"
ޖަމީލް ވިދާޅުވީ ޑރ. ޝަހީދު ނިސްބަތްވާ އެމްޑީޕީގެ ސަރުކާރު އޮތް އިރު އައިސީސީޕީއާރުން ރާއްޖޭގެ މައްޗަށް ލާޒިމުކުރާ ކަންކަމަށް އަރައިގެންފައިވާ މިންވަރު ކޮމެޓީގައި ސާފުކޮށް ދިނުމަކީ ރާއްޖެއިން ތައްޔާރު ނުވެ ދިއުން ނޫން ކަމަށާއި ކޮންމެ ކަމެއްގައި ވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނަ ފަދައިން އެބޭފުޅުން ކަންތަކެއް ފާހަގަ ކުރެއްވި ކަމަށެވެ. ކޮމެޓީން އިތުރަށް ކުރަން ބޭނުންވާ ސުވާލުތަކަށް މާދަމާ ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑރ. ޝަހީދު ކަމަށް ވިޔަސް އެހެން ބޭފުޅަކަށް ވިޔަސް ހީފުޅު ކުރައްވައިގެން ނުވާނެ ރާއްޖޭގައި ކަމަކަށް އެކަށީގެންވަނީ ހަމައެކެނި ތިމަންނާއޭ! އެގޮތަށް ވާހަކަ ދެއްކުމަކީ އުމުރުން 12 އަހަރުގެ ކުއްޖަކު ވާހަކަ ދެއްކުން ފަދަ ކަމެއް. އަޅުގަނޑު ހައިރާން ވެއްޖެ ޑިޕްލޮމެޓިކް ދާއިރާގައި ޑރ. ޝަހީދު އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވިޔޭ ވިދާޅުވާތީ ވެސް،" ޑރ. ޖަމީލުގެ ގާތް އެކުވެރި ބޭފުޅެއްގެ ގޮތުގައި އެތަކެއް ދުވަހެއް ވަންދެން އުޅުއްވެވި ޝަހީދާ ބެހޭ ގޮތުން ޖަމީލު ވިދާޅުވި އެވެ. "ރާއްޖޭގެ ހާރިޖީ ވަޒީރަކަށް އުޅުއްވާފައި އަދި މިހާރު ވެސް ބޭރުގެ ބައެއް މަގާމުތަކުގައި ތަމްސީލް ކުރައްވާ ބޭފުޅަކު މިފަދަ އާދައިގެ އިޖުރާއީ ކަމެއްގައި އިތުރުފުޅު ހައްދަވަމުން ގެންދަވާތީ އަޅުގަނޑު ހައިރާންވަން. މިކަމުގައި މިހާ ބޮޑަށް އިތުރުފުޅު ހެއްދެވީމާ އަޅުގަނޑު ދަންނަވާނީ [އިތުރުފުޅު ހެއްދެވުމަށް] އެފަދަ ދެވަނަ މިސާލެއް ރާއްޖެއަކުން ނުފެންނާނޭ!"