12 Jul 2012, 23:50
އެމްޑީޕީން "ސީދާ ކުއްލި ހަރަކާތުގެ" ނަމުގައި މާލޭގައި މިހާރު ކުރަމުން އަންނަ މުޒާހަރާތަކަކީ ސުލްހަވެރިއެއްވުންތަކެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށާއި އެއްވުންތަކުގައި ގާނޫނާއި ހިލާފުވައި ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމުގެ އިންޒާރު ފުލުހުން މިރޭދީފި އެވެ.
އެމްޑީޕީން މެދުނުކެޑި ކުރިއަށް ގެންދާ އެއްވުންތަކާއި ގުޅިގެން ފުލުހުން މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހަންމަދު ރިޔާޒު ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި ސަލާމަތީ ބާރުތަކާއި ދިމާކޮށް ހަމަލާ ދިނުމާއި އެ ސަރަހައްދުން ގޮސްއުޅޭ ސިފައިންނަށާއި އަދި ސަރުކާރުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ހިފަހައްޓައި މުޒާހަރާ ކުރާމީހުން ހަމަލާ ދެމުން އަންނަ ކަމަށެވެ. ރިޔާޒު ވިދާޅުވީ މާލޭގެ އަމަންއަމާންކަން ގެއްލޭ ތަން ބަލަން ފުލުހުން ނުތިބޭނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ ސުލްހަވެރިކަމާ އެކު ކޮންމެ ބަޔަކު އެއްވި ނަމަވެސް ފުލުހުން އެބަޔަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"ސަލާމަތީ ގޮތުން އަޅުގަނޑުމެން ބަލަހައްޓަން ކަނޑައަޅާފައިވާ ސެކިއުރިޓީ ލައިން ހުރަސްކޮށް ހަމަނުޖެހުން އުފައްދައި، ފުލުހުންނާއި ސިފައިންގެ ބޭފުޅުންނާއި ސަލާމަތީ ހިދުމަތްތަކުގެ ތަކެއްޗަށް ގެއްލުންދީ ހެދުމަކީ އަޅުގަނޑުމެންނަށް ޓޮލަރޭޓް ކުރެވޭނެ ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަހުގެ އަށް ވަނަ ދުވަހު މުޒާހަރާ ފެށުނީއްސުރެ މިރެއާއި ހަމަޔަށް 98 މީހަކު ގާނޫނާއި ޚިލާފުވެގެން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ތެރެއިން މިހާރު ހައްޔަރުކޮށްފައި ތިބީ 29 މީހުން ކަމަށާއި އެމީހުންގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނޭކަމަށް ރިޔާޒު ވިދާޅުވި އެވެ.
"މީހުން ހައްޔަރުކުރަނީ ސުލްހުވެރިކަމާ އެކު އެއްވެއުޅުމުގެ ހައްގު ބޭނުން ކުރަމުން ނުދާތީ،" ރިޔާޒު ވިދާޅުވި އެވެ.
މުޒާހަރާ ކުރާމީހުންނަށާއި އެތަން ކަވަރު ކުރާ ނޫސްވެރިންނަށް ގަސްތުގައި ފުލުހުން އަނިޔާ ނުކުރާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް އެއްވުންތައް ރޫޅާލަނީ ހަމަނުޖެހުމަކަށް ބަދަލުވުމުން ކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ. އަދި ފުލުހުން މުޒާހަރާ ކުރާ މީހުންނާ ދިމާލަށް އެއްޗިހި އުކައި ހަދާފައި ނުވާކަމަށްވެސް ވިދާޅުވި އެވެ.
މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ފުލުހުން ރާބޮއިގެން ތިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅޭގޮތުން ރިޔާޒު ވިދާޅުވީ އެމްޑީޕީން ދައްކާ އެ ވާހަކަތަކަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ފުލުހުންގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމްތަކެއް ކަމަށާއި ފުލުހުންނާއި ބެހޭގޮތުން އެފަދަ ދޮގުވާހަކެއް ފަތުރަމުން ގެންދަނީ ފުލުހުންގެ ގަދަރާއި ހައިބަތަށް އުނިކަމެއް ގެނެސް ރައްޔިތުންގެ މެދުގައި ފުލުހުންނާ މެދު އޮތް އިތުބާރު ކަނޑުވާލުމަށް ކަމަށެވެ.
ރޭގެ މުޒާހަރާގައި ހަރަކާތްތެރިވި ފުލުހުން ރާ ބޮއެގެން ތިބިކަމަށް ބުނެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ފުލުހުން ޓެސްޓްކުރުމަށް ފަހު އެ ކޮމިޝަނުން ބުނީ ފުލުހުން ތިބީ ރާ ބޮއެގެން ނޫންކަމަށް ޓެސްޓުތަކުން ދައްކާކަމަށެވެ.
ރިޔާޒު ވިދާޅުވީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވޭތޯ ބެލުމަށް ކޮންމެ ފުލުހެއްގެ ޓެސްޓެއް ހަދަން ވިޔަސް އެފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށާއި އެއީ ކިތަންމެ އިސްސަފުގައި އުޅުއްވާ ފުލުހެއްކަމަށް ވިޔަސް އެފަދަ ޓެސްޓެއް ހަދަން ޖެހިއްޖެ ކޮންމެ ވަގުތަކު ޓެސްޓް ހެދުމަކަށް ފުލުހުން ހުރަހެއް ނާޅާނެ ކަމަށެވެ.
"މަގުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބޭ ފުލުހުންނަކީ މަސްތުވެގެން ތިބޭ ބައެއް ނޫންކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން އަރުވަން. ދައުލަތުގެ ކަމާބެހޭ ކޮންމެ އިދާރާއަކުން ވެސް މިކަން ޔަގީން ކުރުމަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެއްބާރުލުން ފޯރިކޮށްދޭނަން،" ރިޔާޒު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ފުލުހުންގެ ބެރިކޭޑުތައް ނެގި މައްސަލައާ ގުޅޭގޮތުން ރިޔާޒު ވިދާޅުވީ ބެރިކޭޑުތައް ނަގާނެ ކަމަށް ބުނެ އެ ކައުންސިލުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި މަގުމަތީގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ބެލެހެއްޓުމަށް ފުލުހުން ބެރިކޭޑުތައް ބެހެއްޓުމުން އެކަމާ މެދު ގޮތް ކިޔުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިފައިނުވާކަމަށެވެ.
"ސިޓީ ކައުންސިލްގެ ފަރާތުން ލިޔުމުން އަންގާފަ އެބައޮތް އެބޭފުޅުން ބެރިކޭޑުތައް ނަގާނެކަމަށް. ސަލާމަތީ ޚިދުމަތްތަކުގައި ބޭނުންކުރާ ބާރާއި އާލާތްތަކާއި ވަސީލަތްތައް އެތަކެތި ބޭނުންކުރަންޖެހޭ ގޮތާއި އެ ބޭނުންކުރަން ޖެހޭ ތަންތަން ކަނޑައަޅަނީ އެކަން ކުރަން ސަލާމަތީ ޚިދުމަތްތަކުން ކަނޑައަޅާ ފަރާތްތަކުން. އެ ބެރިކޭޑުތައް ހުންނަން ޖެހޭނެ ތަނާއި ނަގަންޖެހޭނެ ވަގުތު ކަނޑައެޅުމަކީ އެހެން އެއްވެސް ފަރާތަކަށް ގާނޫނީ ބާރެއް ލިބިގެންވާ ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ އެ އަމަލަކީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ދައުރުއަދާ ކުރަން ދަތިކުރުމަށް ކުރަމުންގެންދާ ކަމެއްކަމަށާއި އެފަދަ އަމަލުތައް ތަކުރާރު ކުރާނަމަ އެފަދަ ފަރާތްތަކާ މެދު ގާނޫނި ފިޔަވަޅު އަޅާނެ ކަމަށެވެ.