12 Jul 2012, 22:06
މަސްތުވާ އެއްޗެއްސާއެކު ގެއެއްގެ ތެރެއިން ދެ ދިވެހިންނާއި ގެސްޓް ހައުސްއެއްގެ ތެރެއިން އިންޑިއާ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު މިއަދު މެންދުރު ހައްޔަރުކުރީ ހ. ފިނިމާގެ ބަލައި ފާސްކުރި ކުރުމުގެ ތެރޭ ކަމަށެވެ.
ސަބް އިންސްޕެކްޓާ ހަސަން ހަނީފް މިއަދު ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިނިމާގެ ދެވަނަ ބުރި ބަލާ ފާސްކުރި ކުރުމުގެ ތެރޭ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންގެ 109 ގުރާމް ފެނިފައިވާ ކަމަށެވެ. އަދި ފިނިމާގެ އަކީ ހައްޔަރު ކުރި 30 އަހަރުގެ މީހާގެ ގެ ކަމަށެވެ. ދެވަނަ މީހާއަކީ އޭނާގެ ރައްޓެއްސެއް ކަމަށެވެ.
ފިނިމާގެއިން ދެ ދިވެހިން ހައްޔަރު ކުރިއިރު ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އުޅުނު އިންޑިޔާ މީހަކު ވެސް ވަނީ މަސްތުވާތަކެއްޗާއެކު ގެސްޓް ހައުސްއެއް ތެރެއިން ހައްޔަރުކޮށްފަ އެވެ. މިއަދު ހަވީރު ހައްޔަރު ކުރި އިންޑިޔާ މީހަކީ މުހައްމަދު ނާސަރު 39، އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
ފުލުހުން ބުނީ އިންޑިއާގެ އެމީހާ ގެސްޓް ހައުސްގައި ހުރި ކޮޓަރީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބްލެޓް ސައިޒުގެ ފަސް ޕެކެޓް ފެނިފައިވާ ކަމަށެވެ. އެމީހާ ހުރީ ކޮން ގެސްޓް ހައުސްއެއްގައި ކަމެއް ފުލުހުންނެއް ނުބުނެ އެވެ.