Last Updated:
1 decade 3 year ago

މުޒާހަރާ ރޫޅާލުމުން، މާލޭތެރޭ ހަމަނުޖެހުން ހިންގަނީ

    ބުލޮގު ޚުލާސާ
    *** އެމްޑީޕީގެ ސީދާ ހަރަކާތުގެ މުޒާހަރާ މިއަދު ވެސް ފަށާފައި ވާއިރު ހުޅުމާލޭގައި ވެސް ވަނީ މުޒާހަރާ ފަށާފަ އެވެ. އެރަށުގައި މުޒާހަރާ ފެށީ އެރަށު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރެއް ހުޅުއްވައިދެއްވަން ރައީސް ވަހީދު ވަޑައިގަތުމުންނެވެ. މާލޭގެ މުޒާހަރާ ޗާންދަނީ މަގާއި ފަރީދީ މަގު ގުޅޭ ކަންމަތީގައި އޮތް އިރު ހުޅުމާލޭގައި މުޒާހަރާ ކުރަނީ ހޮސްޕިޓަލު ސަރަހައްދުގަ އެވެ.
    02:28

    ފަޔާ އެންޑް ރެސްކިޔުން އައިސް ސައިކަލުގައި ރޯވެފައި އޮތް އަލިފާންގަނޑު ނިއްވާލައިފި. އެކަމަކު ސައިކަލު ވަނީ އެކީ އެކަށް އަދާފައި.
    02:25

    ލެކިޔުޓު ކުރިމަތިން ދުއްވާފައި ދިޔަ ފުލުހުންގެ ސައިކަލެއް ހުއްޓުވައި އަލިފާން ރޯކޮށްލައިފި. އެކަމާ ގުޅިގެން ފުލުހުން ވަނީ މީހަކުވެސް ހައްޔަރުކޮށްފައި.
    02:22

    މަޖީދީ މަގު 70 ނަމްބަރު ފިހާރަ ކައިރީގައި މުޒާހަރާ ވަނީ އަލުން ފަށާފައި. އެތަނުން ދިޔަ ފުލުހުންގެ ވެހިކަލަކަށްވެސް އެއްޗިހި އުކައި ގެއްލުން ދީފި. އަދި އެ ސަރަހައްދުން ދިޔަ ފުލުހަކަށް މުޒާހަރާ ކުރާމީހުން އަންނަނީ ހަމާދެމުން.
    01:32

    މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ޖަންގްޝަނަށް އަނެއްކާވެސް އެއްވާން ފަށައިފި.
    01:07

    ފުލުހުން ފަހާލުމުން ލޯކަލް މާރުކޭޓް ސަރަހައްދަށް ދިޔަ މުޒާހަރާ ކުރަމުން ދިޔަ ބަޔަކު އެ ސަރަހައްދުގައި ހުރި އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް އޭނާ މޫދަށް ވައްޓާލައިފި. މަންޒަރުދުއްމީހަކު ސަން އޮންލައިނަށް ބުނީ އޭނާއަށް އެމީހުން ހަމަލާދިނީ މުޒާހަރާ ކުރާތީ އެކަމާއި ދެކޮޅަށް އެމީހާ އެއްޗެކޭ ބުނުމުން ކަމަށް. އެމީހާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން.
    00:55

    މުޒާހަރާ ކުރާމީހުން މަޖީދީ މަގާއި ހަމަޔަށް ވަނީ ފަހާލައިފައި. އެ ހިސާބުގެ ބައެއް ގޯޅިތަކުން ފުލުހުންނާއި ދިމާލަށް ގައު އުކަމުން އާދޭ. ފުލުހުން އަންނަނީ މުޒާހަރާ ކުރާމީހުން ފަހާ ދުވަހުން.
    00:46

    މުޒާހަރާ ކުރާ މީހުން އަމީނިއްޔާ ސްކޫލް ކަންމައްޗަށް ފުލުހުން ގޮސް ވަނީ ފަހާލައިފައި. މުޒާހަރާ ކުރާ މީހުންނަށް ކުރިޔަށް ނާދެވޭ ގޮތައް އެ ސަރަހައްދު ވަނީ ބްލޮކްކޮށްފައި.
    00:43

    މޫޒާހަރާގެ ބައިވެރިން މިހާރު ވަނީ ވިއްސި ވިހާލިކޮށްލައިފި. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުން އަންނަނީ ހައްޔަރުކުރަމުން. އަންހެނަކުވެސް ދެންމެ ހައްޔަރުކޮށްފި.
    00:42

    އިންޒާރު ދިނުމަށް ފަހު މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި.
    00:40

    އިތުރު ދެ ފުލުހެއްގެ ލޮލަށް މިރުސް ފެން ޖަހައި. އޭގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ. ގިނަ އަދަދަކަށް ފެންފުޅި އާއި ގައު ފަދަ ތަކެތި ފުލުހުންނާއި ދިމާލަށް އަންނަނީ އުކަމުން. ފުލުހުން ޝީލްޑްގައި ތިބީ ތައްޔާރީ ހާލަތުގައި.
    00:33

    ހަތަރު ފުލުހެއްގެ ލޮލަށް މިރުސްފެން އެޅިގެން އަންނަނީ ފަރުވާ ހޯދަމުން. ފުލުހުންގެ ގަޔަށް މުޒާހަރާގެ ތެރެއިން އަންނަނީ ކަޅުތެޔޮވެސް ޖަހަމުން.
    00:06

    ޗާންދަނީ މަގު ކަންމައްޗަށް ހުންނަ "ފުރެޝް އެއާ" ކިޔާ ފިހާރައެއްގެ ބިއްލޫރިގަނޑު ތެޅިއްޖެ.
    23:31ޗާންދަނީމަގުން

    ފުލުހުން ކޮންމެވެސް ވަރަކަށް މުޒާހަރާ މައިތިރިކުރަން ޕެޕާސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ. މުޒާހަރާގެ ބައިވެރިން މިހާރު ވަނީ އަނެއްކާވެސް ޓްރެފިކް ލައިޓާ ހިސާބަށް ޖައްސާފައި.
    23:30

    ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި. މުޒާހަރާގައި ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ބައިވެރިވެ ވަޑައިގަންނަވައި.
    23:29

    ފުލުހުން މުޒާހަރާ ކުރާ މީހުން އަނެއްކާވެސް ފަހަތައް ޖައްސަން ފަށައިފި. މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި.
    23:19

    މުޒާހަރާގެ ބައިވެރިން އަންނަނީ ޗާންދަނީ މަގުން ޖުމްހޫރީ މައިދާނާ ދިމާލަށް ކުރިޔަށް. އެ މީހުން އަންނަނީ ފުލުހުންނާއި ދިމާލަށް ގައު އުކަމުން. އެކަމަކު ފުލުހުން އަދި މުޒާހަރާ ރޫޅާލާކަށް އަދި މަސައްކަތެެއް ނުކުރޭ. ފުލުހުން ތިބީ ތައްޔާރީ ހާލަތުގައި.
    22:57

    އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފި. އޭނާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފައިވާ ކަމަށް ބެލެވޭ.
    22:21

    މުސްކުޅި ފިރިހެނަކު މުޒާހަރާ ތެރެއިން ހައްޔަރުކޮށްފި. މުޒާހަރާގެ ބައިވެރިން ވަނީ ކުރިންވެސް ތިބި ހިސާބަށް ފަހަތައްޖައްސާފައި.
    22:16

    ބެރިކޭޑްތައް ހުރަސް ކުރުމަށް ފަހު އެމްޑީޕީގެ މުޒ×ާހަރާގެ ބައިވެރިން ޗާންދަނީ މަގު ރީފްސައިޑާ ހިސާބަށް އަރާ ހަމަވުމާ އެކު ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އެމީހުން ފަހަތައް ޖައްސަން ފަށައިފި. ފުލުހުންނާއި ދިމާލަށް ފެންފުޅި ކަހަލަ އެއްޗިހި އަންނަނީ އުކަމުން.
    22:14

    ރައީސް ނަޝީދު މުޒާހަރާޔާ ގުޅިވަޑައިގެންފި. މުޒާހަރާގެ އިސްސަފުގައި ތއްބެވި ބޭފުޅުންނާ ކޮންމެވެސް ވާހަކައެއް އެބަދައްކަވައި.
    22:04

    ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި މުޒާހަރާ ކުރާ ފަރާތްތައް ކުރިއަށް ޖެހެނީ.
    22:00

    ޗާންދަނީމަގާއި ފަރީދީމަގު ގުޅޭ ކަންމަތީގައި ބަހައްޓާފައި ހުރި ރޯޑްބްލޮކްތަކެއް މުޒާހަރާ ކުރާ މީހުން ފޮރުވައިފި. މިހާރު މުޒާހަރާގައި މީހުން ގިނަ.
    21:55

    ޗާންދަނީ މަގުގައި ޖަހާފައި ހުރި ބެރިކޭޑްތައް ފުލުހުން ވައްޓާ ކުރިއަށް ޖެހެން ފަށައިފި.
    21:33

    މުޒާހަރާޔަށް މަޑުމަޑުން މީހުން އަންނަނީ އިތުރު ވަމުން. އެ ސަރަހައްދު ބަލަހައްޓަން ތިބި ފުލުހުންވެސް އިތުރުކޮށްފި.
    21:01ޗާންދަނީ މަގުން

    އެމްޑީޕީގެ މެންބަރުން މިރޭވެސް މުޒާހަރާ ކުރަމުން ދަނީ ޗާނަމްދަނީ މަގާއި ފަރީދީ މަގާއި ގުޅޭ ކަންމަތީގައި ތިބެގެން. މިވަގުތު އެ ސަރަހަދުގައި މާގިނަ ބަޔަކު ނެތް އިރު ހަމަނުޖެހުމެއްވެސް ނުހިނގާ. މިއީ އެމްޑީޕީގެ ސީދާ ހަރަކާތް މެދުކެޑުމެއް ނެތި ކުރިއަށް ގެންދާތާ ފަސް ވަނަ ދުވަސް.