ދަ ޑިކޮމްރެޓްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އެ ޕާޓިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރިމަތިލައިފިއެވެ.

މިކަން ހާމަކޮށް އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި މަގާމަށް ކުރިމަތިލުމަށްފަހު އެ ޕާޓީގެ ތަރުޖަމާނުކަމުން އިސްތިއުފާ ދީފައި ވާކަމަށެވެ. އޭނާ ވަނީ އެންމެހާ ޑިމޮކްރެޓުން އޭނާއަށް ސަޕޯޓުކޮށްދިނުމަށް އެދިފައެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަސަން ލަތީފް އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުންނެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ)އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް ވަޑައިގަތީއެވެ.

އެއާއެކު، އެ ޕާޓީންވަނީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފިރުޝާނަށް، ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކޮށްފައެވެ. އެ ޕާޓީގެ އަންހެން ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވީ އައިޝަތު އަލައިކާ އަދުނާނެވެ.


ޑިމޮކްރެޓްސްގެ ރައީސާއި ފިރިހެން ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ އަންނަ މަހު 15ގައި އިންތިޚާބު ބޭއްވުމަށް އެ ޕާޓީގެ ނޭޝަނަލް އެސެންބްލީއިން ވަނީ ނިންމާފައެވެ.