ސަރުކާރާ ދެކޮޅަށް ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން މާލެ ތެރޭގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާއްމުންނަށާއި ނޫސްވެރިންނަށް އަދި ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ މުދަލަށް ދެމުންގެންދާ ގެއްލުންވަމުން ދާތީ އެމްޑީޕީގެ އެ އަމަލްތައް ހޯމް މިނިސްޓްރީގެ އިތުރުން ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވެސް ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އެމްޑީޕީގެ އެއަމަލުތައް ކުށްވެރިކޮށް ހޯމް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން އިންތިޒާމްކޮށްގެން މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފުލުހުންނަށް އަމާޒުކޮށް ގާ އުކާ ހިނގަމުން ގެންދާ ގާނޫނާއި ހިލާފް އަމަލުތަކުގެ ސަބަބުން ގާނޫނީ ވާޖިބު އަދާކުރަމުން ގެންދިޔަ ފުލުހުންނަށާއި ސިފައިންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އެކަންތައްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ނ. ހޮޅުދޫގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ފުލުހުންގެ އިދާރާއެއް ރޯކޮށްލާފައިވާ މައްސަލައާ ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދުގެ ކާރުކޮޅުގައި ބަޔަކު ރޭގެ ވަގުތެއްގައި ރޯކޮށްލާފައިވާ މައްސަލަވެސް އެމިނިސްޓްރީން ވަނީ ކުށްވެރިކޮށްފަ އެވެ.

ޣައިރު ގާނޫނީ އެފަދަ އަމަލްތައް ހިންގި ބަޔަކު ހޯދައި އެކަންތައްތައް ތަހުގީގުކުރުމަށް ފަހު އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގައުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

ހޯމް މިނިސްްޓްރީން ބުނީ ގާނޫނު އަސާސީން ލިބިދީފައިވާ ސުލްވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ އެފަދަ އެއްވުންތައް ބަލަހައްޓަން ތިބޭ ފަރާތްތަކާމެދު އަނިޔާވެރިވެ އެމީހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅައި އެމީހުންގެ އަބުރާ އިއްޒަތަށް ހުތުރުވާ ޒާތުގެ ހަޑިހުތުރު ބަސްތަކުން މުހާތަބްކޮށް، ލާއިންސާނީ އަމަލްތައް ހިނގުމަށް ލިބިދީފައިވާ ހައްގެއް ނޫން ކަމަށެވެ.

އެމްޑީޕީން ސީދާ ހަރަކާތްތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ގެއްލުންވަމުންދާކަން ފާހަގަކޮށް ޖުމްހޫރީ ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ދިޔާނާގެ ކާރުކޮޅާއި ނ. ހޮޅުދޫގެ ޕޮލިސް ސްޓޭޝަންގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ދައުލަތުގެ މުދަލާ އަމިއްލަ ފަރުދުންގެ މުދަލަށް ގެއްލުންދޭ މައްސަލަ ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ބޭނުން ކުރުމުގައި ވެސް ގާނޫނީ އިމުގެ ތެރޭގައި އެކަންތައް ކުރުމަށް ވެސް އެޕާޓީން ވަނީ ގޮވާލައިފަ އެވެ.

އެއަމަލްތައް ކުށްވެރިކޮށް ޕީޕީއެމުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ފުލުހުންގެ ބެރިކޭޑްތައް ނެގި މައްސަލަ ވެސް އެޕާޓީން ކުށްވެރިކުރާ ކަމަށެވެ.