އައްޑު ސިޓީގެ ފޭދޫގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ބުރަކަށީގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބުރަކަށިން ބެކްބޯންއާާ ދިމާ މަތިން ކަރާއި ދޭތެރޭގައި ދޮޅު އިންޗި ފުންމިނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އިތުރު ދެ ތަނަކަށް އެއް އިންޗި އަދި ބައި އިންޗި ފުން މިނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާދިސާއާ ގުޅިގެން އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެޒުވާނާއަށް ހަމަލާދީފައިވަނީ ފޭދޫ ބަނދަރުމަތީގައި ހުންނަ "ތްރީ އެސް މާޓް" ކިޔާ ފިހާރައެއްގެ ކައިރިން ސައިކަލްގައި އަންނަނިކޮށް އެފިހާރައިގެ ކައިރީގައި މަޑުކޮށްގެން ތިބި ގްރޫޕަކުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލާގައި ތުހުމަތުކުރެވޭ ފަސް މީހަކު ހޯދުމުގެ މަސައްކަތް ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

މިދިޔަ ހުކުރު ދުވަހުވެސް ހިތަދޫގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 24 އަހަރުގެ ޒުވާނަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.