20 Jan 2025, 16:58
ވޮޝިންޓަން (20 ޖަނަވަރީ 2025): އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމުގެ ޖަރީމާއާ ގުޅިފައިވާ ލިޔެކިޔުންތައް ފަދަ އެމެރިކާ ސަރުކާރުގެ ކުރީގެ ސިއްރު ހުރިހާ ލިޔުންތަކެއް ހާމާކުރާނެކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ދިރިއުޅުއްވާ ޓްރަމްޕް، އެމެރިކާގެ ރިޔާސީ ދެވަނަ ދައުރަކަށް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވޮޝިންޓަނަށް ވަޑައިގެން ވޮޝިންޓަންގެ ކެޕިޓަލްވަން އެރީނާގެ ސްޕޯޓްސް އެންޑް އެންޓަޓެއިންމަންޓް ވެނިއުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ދެވަނަ ދައުރުގައި ހައިރާން ކުރުވަނިވި ގިނަ ކަންތައްތަކެއް އެމެރިކާއިން ފެންނާނެ ކަމަށެވެ. އަދި އެމެރިކާގެ ކުރީގެ ވެރިންނަށް ނެރެން ކެރިފައިނުވާ ގިނަ ރިޔާސީ އަމުރުތަކެއް ނެރުއްވާނެ ކަމަށެވެ.
މިގޮތުން އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ޖަރީމާއާއި އެއަށްފަހު ކެނެޑީގެ ކޮއްކޮ ރޮބަޓް ކެނެޑީ އަވަހާރަކޮށްލުމުގެ ޖަރީމާ އާގުޅޭ ޑޮކިއުމަންޓްތައްފަދަ އެމެރިކާގެ ކުރީގެ ސިއްރު ހުރިހާ ލިޔުންތަކެއް ހާމާކުރާނެ ކަމަށެވެ.

އޮޒްވޯލްޑް
އެމެރިކާގެ ރައީސް ކަމުގައި ހުންނަވަނިކޮށް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލާފައިވަނީ 22 ނޮވެންބަރު 1963 ގައެވެ. ކެނެޑީގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލި ޖަރީމާ ހިންގީ ލީ އާވޭ އޮޒްވޯލްޑް ނަމަކަށް ކިޔާ އެމެރިކާ މީހެކެވެ. އޭގެ ދެދުވަސްފަހުން އޮޒްވޯލްޑްވަނީ ބަޑިޖަހައި މަރާލާފައެވެ. އޮޒްވޯލްޑް މަރާލާފައިވަނީ އޭނާ ހައްޔަރުކުރުމަށްފަހު އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ޖެކްރުބީ ނަމަކަށް ކިޔާ މީހެކެވެ.
އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްފައި ހުއްޓައި އޮޒްވޯލްޑް ގަޔަށް ބަޑިޖަހައި މަރާލުމުން މިއީ ކެނެޑީގެ މަރުގެ ހަގީގަތް ފޮރުވަން އެމެރިކާގެ ޖާސޫސީ އިދާރާއިން ކުރިކަމެއްކަމަށް ވަނީ ޝައްކު ކުރެވިފައެވެ. އެކަންކުރީ ހެކިނައްތާލުމުގެ ބޭނުމުގައި ކަމަށްވެސްވަނީ ބެލެވިފައެވެ. މިއާއެކު ކެނެޑީ އަވަހާރަކޮށްލުމުގެ ފަހަތުގައިވަނީ އެމެރިކާގެ ޑީޕް ސްޓޭޓް ކަމުގެ ޝައްކުތައް ވަރަށް ބޮޑުވެގެން ދިޔައެވެ.
އޭގެ ފަސް އަހަރުފަހުން ކެނެޑީގެ ކޮއްކޮ ރޮބަޓް ކެނެޑީވެސް ވަނީ އެމެރިކާގެ ލޮސްއެންޖެލިސްގައި އަވަހާރަކޮށްލާފައެވެ. އަވަހާރަކޮށްލިއިރު ރޮބަޓް ކެނެޑީއަކީ އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެކެވެ.
ޖޯން އެފް ކެނެޑީއާއި އޭނާގެ ކޮއްކޮ ރޮބަޓް ކެނޑީ އާ ދެބެން އަވަހާރަކޮށްލުމުގެ އެއްވެސް ހަގީތަތެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. މިދެ ޖަރީމާގެ ފަހަތުގައިވާ ބަޔަކުވެސް އެނގިފައެއް ނުވެއެވެ.
ރޮބަޓް ކެނެޑީ އަވަހާރަކޮށްލުމުގެ ކުރިން އޭނާވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އޭނާގެ ބޭބެ ޖޯން ކެނެޑީގެ މަރުގެ ހަގީގަތް ހޯދާނެކަމަށް ވިދާޅުވެފައެވެ. ރައީސް ޖޯން އެފް ކެނެޑީގެ ވެރިކަމުގައި އޭނާގެ ބައެއް ސިޔާސަތުތައް ހުރީ އެމެރިކާގެ އަޑީ ދައުލަތް ނުވަތަ ޑީޕް ސްޓޭޓްގެ މަސްލަހަތާ ދެކޮޅަށްކަމަށް ރިޕޯޓްތައް ބުނެއެވެ. ކެނެޑީގެ ދުވަސްވަރުގެ މީހުން މިހާރުވަނީ މަރުވެފައެވެ. އެހެންކަމުން އޭނާގެ މަރުގެ ހަގީގަތް ހާމަކުރިނަމަވެސް އެކަމާ ގުޅިގެން އަދަބު ލިބެންޖެހޭ މީހަކު މިހާރު ދުނިޔޭގައި ނުހުންނާނެކަމަށް ވަނީ ބެލެވިފައެވެ.