12 Jul 2012, 19:05
ދިރާގު ދިވެހި ލީގުގައި މިއަދު މާޒިޔާ އަތުން 3-1 ވިކްޓަރީ ބަލިވުމުން ނިއު އާއި މާޒިޔާ އަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.
މި މެޗުގައި ފުރަތަމަ ތިން ލަނޑު ޖެހީ މާޒިޔާގެ އަސަދުﷲ އަބުދުﷲ އެވެ. އޭގެ ފަހުން ވިކްޓަރީގެ ދެ ލަނޑު ވެސް ޖެހީ މުހައްމަދު އުމޭރެވެ. އޭނާގެ ދެ ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. އޭގެ ކުރިން މާޒިޔާ އަށް ލިބުނު ޕެނަލްޓީ އިސްމާއީލް އީސާ (މެސީ) ޖެހުމުން ކީޕަރު ލެވަންޓް ވަންލީ ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އަށް ވަނީ 14 ޕޮއިންޓާއެކު ހަތަރުވަނަ ލިބިފަ އެވެ. ވިކްޓަރީ އޮތީ 18 ޕޮއިންޓާއެކު ދެވަނާގަ އެވެ. ނަމަވެސް ވިކްޓަރީ ބަލިވުމުން އެއްވަނާގައިވާ ނިއުއާ ދެމެދުގައިވާ ފަރަގު ވަނީ ހަޕޮއިންޓަށް ފުޅާވެފަ އެވެ. ނިއު އަށް 24 ޕޮއިންޓް ލިބިފައިވާއިރު މިހާރު ތިން ވަނާގައިވަނީ 15 ޕޮއިންޓާއެކު ޗެމްޕިއަން ވީބީ އެވެ. އީގަލްސް އަށް ފަސް ވަނަ ލިބޭއިރު ހަ ވަނާގައިވަނީ ވިޔަންސާ އެވެ. ވެލެންސިއާ އަށް ހަތް ވަނަ އަދި ޓޭބަލުގެ ފުލުގައި ވަނީ އޭވައިއެލް އެވެ.
މެޗަށް ފަހު ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހް ބުނީ ނިއުއާ ހަ ޕޮއިންޓް ފަހަރުވި ނަމަވެސް "އަދި އެއްވެސް ވަރަކަށް ހާސްނުވޭ،" ކަމަށެވެ.
"އެއީ ނިއުރޭޑިއަންޓަށް ވެސް ގޯސް ދުވަސްތައް އަންނާނެ ވިކްޓަރީ އަށް ގޯސްދުވަސްތައް އަންނަ ފަދައިން. ދެން ވިކްޓަރީ ބަލިވީ އަމިއްލަ އަށް ހެދި ގޯސްތަކަކުން. އެކަމަކު އެމީހުންގެ (މާޒިޔާގެ) ދެ ވަނަ ލަނޑު ހީވަނީ އޮފްސައިޑްހެން. އެކަމަކު ރެފްރީގެ ވާހަކަ ދައްކާކަށްނެތިން،" ނަޒީހް ބުންޏެވެ.
މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ލިބިގެންމިދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި މެޗަށް ނުކުތްއިރު ވެސް ކުޅުންތެރިން ތިބީ މެޗުން މޮޅުވާން ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެންނެވެ.