16:00


ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ދިވެހި މުވައްޒަފުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާގައި ރިސޯޓުގެ ބައެއް ތަންތަނަށް ގެއްލުންތައް ދިން މައްސަލަ ބަލަން ފުލުހުންގެ ޓީމެއް ހިނގައްޖެ އެވެ.


 


14:31


ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ދިވެހި މުވައްޒަފުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ސަބަބުން ރިސޯޓުގައި ތިބި ހުރިހާ ޓޫރިސްޓުން ކުރުނބާ ރިސޯޓް ދޫކޮށް މިއަދު ފުރައިފި ކަމަށް  ކުރުނބާ ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން ކޮލި މުހައްމަދު އުމަރު މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.


ސަން އެފްއެމް އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުހަންމަދު މަނިކު ވިދާޅުވީ މަޝްވަރާ ކުރުމަށް ފުރުސަތު ނުދީ، ކުރުނބާގެ ދިވެހި މުވައްޒަފުން ރިސޯޓުގައި މުޒާހަރާ ކުރަން ފެށި އިރު ރިސޯޓުގެ 80 ޕަސެންޓް އޮކިއުޕެންސީ އޮތް ނަމަވެސް އިއްޔެ އާއި މިއަދު އެ ހުރިހާ ގެސްޓުން ރަށް ދޫކޮށް ފައިބައިގެން ގޮސްފައިވާ ކަމަށެވެ.


ރާއްޖޭގެ ފުރަތަމަ ރިސޯޓު އަދި ފުރަތަމަ ފައިވް ސްޓާ ރިސޯޓުގައި ހުންނަނީ 180 ކޮޓަރި، 360 އެނދެވެ. 


މުހައްމަދު މަނިކު ވިދާޅުވީ  ހަޅޭއްލަވައި މުޒާހަރާކޮށް ޓޫރިސްޓުންގެ ކުރިމަތީގައި ދުވެ ހަދަން ފެށުމާ އެކު އިއްޔެގެ ނިޔަލަށް 30 ޕަސެންޓް ޓޫރިސްޓުން ކުރުނބާ ދޫކޮށް ފުރައިގެން ދިޔަ ކަމަށެވެ. މިއަދު މެންދު 12:30 ވީއިރު ރިސޯޓުގައި ބާކީ ތިބި ހުރިހާ ޓޫރިސްޓުން އެކީ ފައިބައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ޓޫރިސްޓުންނަށް ތިބެން ކަމުނުދާ މާހައުލަކަށް ބަދަލުވުމާ އެކު ޓޫރިސްޓުން ފައިބަން ފަށައިފި. ބައެއް މީހުން ފުރައިގެން ގައުމަށް، އަނެއް ބަޔަކު އެހެން ރިސޯޓްތަކަށް، އަނެއްބައި މީހުން މާލެއަށް، މިވަގު ރިސޯޓު އެއޮތީ ހުއްޓިފައި،"  މުހައްމަދު މަނިކު ވިދާޅުވި އެވެ.


މިއީ ރާއްޖޭގައި ފުރަތަމަ ހުޅުވި ރިސޯޓުގެ ހަޔާތުގައި ޓޫރިސްޓުން ހުސްވްގެން ދިޔަ ފުރަތަމަ ފަހަރެވެ. އަދި ފައިވް ސްޓާ އެ ރިސޯޓްގައި ހަޅުތާލެއް ކުރި ފުރަތަމަ ފަހަރު ވެސްމެ އެވެ. 


ގާތްގަނޑަކަށް 450 އެއްހާ މުވައްޒަފުން އުޅޭ ރިސޯޓުގައި 180 ވަރަކަށް ދިވެހިން އުޅެ އެވެ. އޭގެ ތެރެން ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަން ފެށީ  އެކޮމެޑޭޝަނާއި މުސާރަ އާއި ސަވިސްޗާޖާއި ކާއެއްޗެހި ފަދަ ކަންކަމުގައި ދިވެހިންނާއި ބިދޭސީންނާ ތަފާތުކުރާ ކަމަށާއި  އެކަން ހައްލު ކުރުމަށް އެދުމުން މެނޭޖުމަންޓުން އެކަން ހައްލު ނުކޮށްދިން ކަމަށް ބުނަމުންނެވެ.