12 Jul 2012, 17:55
އެމްޑީޕީން ސީދާ ކުއްލި ހަރަކާތުގެ ނަމުގައި މާލޭގެ މަގުތައް މަތީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަމުން ގެންދާ ހަރަކާތްތަކުގައި އާއްމު ރައްޔިތުންނަށާއި ނޫސްވެރިންނަށާއި ފުލުހުންނަށާއި ސިފައިންންގެ އިތުރުން ދައުލަތުގެ މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންގެންދާތީ ސަރުކާރުން އެކަންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީގެ އެ އަމަލްތައް ކުށްވެރިކޮށް ރައީސް އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމުގައިވާ އިރު މިފަދަ ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ހާޒިރުކުރެވޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން ރައްޔިތުންނަށް ދޭ ކަމަށެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމުގައިވާ އިރު އެ އަމަލުތައް ހިންގީ ކޮންމެ ބަޔަކު ކަމުގައި ވީނަމަވެސް އެބަޔަކު ހޯދައި ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އަދުލު އިންސާފު ގާއިމްކުރާ މުއައްސަސާތަކަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް ދޭ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގައި ފުލުހުންނަށާއި ސިފައިންނަށް ފުރިހަމަ އެއްބާރުލެއްވުން ދިނުމަށް ރައްޔިތުންނަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.