އެމްޑީޕީ އިން ސީދާ ކުއްލި ހަރަކާތުގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ބްރޯޑްކާސްޓް ކުރުމުގައި މުޖުތަމައުގެ އަދަބު އަހުލާގާ ނުގުޅޭ ކޮންޓެންޓް ރާއްޖެ ޓީވީން ގެނެސްދެމުންދާ ކަމަށް ބުނެ އެފަދަ ކޮންޓެންޓްތައް ބްރޯޑްކާސްޓް ނުކުރުމަށް އެ ޓީވީ ސްޓޭޝަނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނަސޭހަތްތެރިވެއްޖެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެމްޑީޕީން މާލެތެރޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ މަންޒަރާއި އަޑު ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރަމުން ގެންދާއިރު ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު ނުވަތަ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް މުޖުތަމައުގެ އަދަބު އަހުލާގާ ނުގުޅޭ ކޮންޓެންޓް ގެނެސްދެމުން ގެންދާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން މި ކަމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ)ގެ ދަށުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ނުވަތަ ކޯޑް އޮފް ޕްރެކްޓިސްގެ ދެ ވަނަ ހަމައިގެ 1 ވަނަ ނަންބަރުގައި، މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުތައް ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފަހައްޓަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި ދެ ވަނަ ހަމައިގެ ދެ ވަނަ ނަމްބަރުގައި އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝްތިހާރުތައް ބޭނުން ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ބުނުމާ ކަނޑައެޅިގެން ހިލާފް ކަމެކެވެ." އެސިޓީގައިވެ އެވެ.

ލައިވްކޮށް ގެނެސްދޭ އިވެންޓްތަކާއި އެހެނިހެން ކޮންޓެންޓްތައް ގެނެސް ދިނުމުގައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް އަދި ރާއްޖެ ޓީވީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ފަދަ ގޮތެއްގެ މަތިން ބްރޯޑްކާސްޓްކުރުމަށް އެކޮމިޝަނުން ވަނީ ރާއްޖެ ޓީވީއަށް ނަސޭހަތްތެރިވެފައިވެ އެވެ.