އެމްޑީޕީ އިން ރޭ ކުރިއަށްގެން ދިޔަ މުޒާހަރާތަކުގެ ތެރެއިން ސަން މީޑިއާގެ ޖާނަލިސްޓް މުރުޝިދު އަބްދުލްހަކީމަށް ދިން ހަމަލާ އާއި ރާއްޖެ ޓީވީގެ ކެމެރާމަން މުހައްމަދު ޝަނޫނާއި މިނިވަން ޑެއިލީގެ ކެމެރާމަން އަހުމަދު ހައިތަމަށް އަނިޔާވި މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މުޒާހަރާގެ ތެރެއިން އެއްލި ބެޓެރި ބުރިއަކުން މުރުޝިދު ބޮލުގައި ޖެހުމުން އޭނާ ހޭނެތިގެން ހުރިތަނަށް ވެއްޓުނު ކަމަށާއި އަދި ހޮސްޕިޓަލަށް ގެންގޮސް އޭނާގެ ބޮލުން ފެޅިފައިވާ ތަނަށް ދެ ތިން ސްޓިޗު ޖަހަން ޖެހުމުން އޭނާ އަށް ދިން ހަމަލާގެ ނުރައްކާތެރިކަން އިހްސާސް ކުރެވޭ ކަމަށެވެ.

"މުރިޝުދުގެ ބޮލުގައި ބެޓެރީ ބުރިއަކުން ޖަހާފައި ވަނީ މުޒާހަރާގެ ތެރެއިން އެއްލި ބެޓެރީ ބުރުއަކުން ކަމަށްވާތީ އަދި އޭނާ އެ ވަގުތު ހުރީ ސިދާ ސަންއެފްއެމް ރޭޑިއޯ ސްޓޭޝަނަށް އިންޓަވިއުއެއް ދިނުމުގައި ކަމަށްވާތީ އެ އަމަލަކީ ސީދާ ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް މި ޖަމިއްޔާ އިން ދެކެމެވެ." އެބަޔާނުގައިވެ އެވެ.

އެމްޖޭ އިން ނެރެފައިވާ އެހެން ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެޓީވީގެ ކެމަރާމަނަށާއި މިނިވަން ޑެއިލީގެ ކެމަރާމަނަށް ހަމަލާދިނީ ފުލުހުންގެ ފަރާތުން ކަމަށް އެ ދެ އިދާރާ އިން ބުނާތީ އެކަން އެ ޖަމިއްޔާ އިން ކުށްވެރި ކުރާ ކަމަށެވެ.

އަދި ބުނެފައި ވަނީ ހިޔާލުފާޅު ކުރުމަކީ ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ އަސާސީ ހައްގަކަމަށާއި އަދި ނޫސްވެރިކަމުގެ މިނިވަން ކަމަކީ ވެސް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާ އިރު، އެ ދެ ހައްގު ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ފުލުހުންނާއި އަދި ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރާ ކަމަށެވެ. އަދި ނޫސްވެރިން ވެސް އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރާ އިރު، ޕްރޮފެޝަނަލްކޮށް އަދި ޒިންމާދާރު ކަމާ އެކު އެކަން ކުރުމަށް އެޖަމިއްޔާއިން އިލްތިމާސް ކޮށްފައިވެ އެވެ.

އަދި ބުނެފައިވަނީ އެފަދަ ކަންތައްތަކަކީ ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެ ކަންތައްތައްކަމަށާއި ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކުރާ ކަމަށެވެ.

އެމްޖޭއޭ އިން މިފަދަ ނޫސްބަޔާނެއް ނެރެފައިވާއިރު ނޫސްވެރިނަށް ދޭ ހަމަލާތަށް ކުށްވެރިކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.