ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށާއި އެ ބޭބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް ދޫކޮށްފައިވާ ރަތް ޕާސްޕޯޓް (ޑިޕްލޮމެޓިކް ޕާސްޕޯޓް) އަދިވެސް ބައެއް ފަރާތްތަކުން ސަރުކާރާ ހަވާލުކޮށްފައިނުވާ ކަމަށާއި އެ ޕާސްޕޯޓްތައް ހަވާލު ނުކުރާ ނަމަ އެ ޕާސްޕޯޓްތައް ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ މިއަދު ސަން މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ރަތް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކަށް އެ ޕާސްޕޯޓްތައް އަނބުރާ ހަވާލުކުރުމަށް އަންގާފައިވާނެ ކަމަށާއި އެ ޕާސްޕޯޓްތައް މިހާރު ވާނީ ޑިއެކްޓިވޭޓްކޮށްފައި ކަމަށެވެ. ނަމަވެސް އެފަރާތްތަކުން އެ ޕާސްޕޯޓްތައް ހަވާލުނުކުރާ ނަމަ ޕާސްޕޯޓްތައް ކެންސަލް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތަށް މިހާތަނަށް ހަވާލުކޮށްފައި ނުވަނީ ކިތައް ޕާސްޕޯޓްކަމެއް އަދި އެއީ ކޮންކޮން ބޭފުޅުންނެއްގެ ޕާސްޕޯޓެއް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

ކުރީ ސަރުކާރުން ރަތް ޕާސްޕޯޓް ދޫކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެ ޕާސްޕޯޓްތައް ހަވާލު ނުކުރައްވާ ފަރާތްތަކުގެ ޕާސްޕޯޓްތައް ޑިއެކްޓިވޭޓްކުރުމުން އެޕާސްޕޯޓް ބޭނުން ނުކުރެވޭނީ ހަމައެކަނި ރާއްޖެ އިން ފުރާއިރު ކަމަށާއި ނަމަވެސް ރާއްޖެ އިން ބޭރުގައި ރަތް ޕާސްޕޯޓް ބޭނުން ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ. ނަމަވެސް އެފަދަ ގޮތަކަށް ޕާސްޕޯޓްތައް ބޭނުން ކުރަމުން ގެންދާކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިއެކްޓިވޭޓްކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން މާލޭ އެއާޕޯޓަކުން ނުފުރޭނެ. ބައެއް ފަރާތްތަކުން އެބަހުރި ރަތް ޕޯސްޕޯޓް ރިޓާންނުކޮށް. އެހެންވެ އެޕާސްޕޯޓްތައް ކެންސަލް ނުކުރެވެންޏާ ރާއްޖޭން ބޭރަށް ގޮސް ބޭނުން ކުރެމުގެ ޕޮސިބިލިޓީޒް[ފުރުސަތު] އެބައޮތް،" މުހައްމަދު އަލީ ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވީ ހަވާލުނުކޮށް ހުރި ޕާސްޕޯޓްތައް އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތަށް ހަވާލުނުކޮށް ހުރި ޕާސްޕޯޓްތައް ބޭރުގައި ބޭނުން ނުކުރެވޭނެ ގޮތެއް ހެދޭނެ ނިޒާމެއް އަދި ރާއްޖޭގައި ނެތުމުން އެ މައްސަލަ ހައްލުކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ބޯޑާ ސިސްޓަމް ގާއިމް ކުރެވުނީމާ އެ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް މަދު ތާކަށް މިހާތަނަށް އެންގިފައި ވަނީ މިޕާސްޕޯޓްތައް ބޭނުން ނުކުރެވޭނެ ކަން. ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި އެޕާސްޕޯޓްތައް ހޯދަން. ނަމަވެސް އެޕާސްޕޯޓްތައް ހޯދުމުގެ މަސައްކަތް މިގެންދަނީ ކުރަމުން." އިމިގްރޭޝަންގެ ކޮންޓްރޯލާ ވިދާޅުވި އެވެ.