ބްރޯޑްކާސްޓް ފްރީކުއަންސީ ދޫކުރުމާ ބެހޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ބަދުރު ނަސީރެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ފަސް މަސް ދުވަހުގެ މުއްދަތަކަށް ސޮއިކުރި އެއެމްއޯޔޫގައި މަގުސަދަކީ ބްރޯޑްކާސްޓިން ފްރީކުއަންސީގެ ބޭނުން އެންމެ އެކަށޭނެ ގޮތެއްގައި ކުރަން ޖެހޭ ކަންތައްތައް ދެނެގަނެ އެކަންކަން އިތުރަށް ތަރައްޤީ ކުރުމާއި ބްރޯޑްކާސްޓިންގް ފްރީކުއަންސީ އާ ބެހޭ އެންމެހާ ކަންކަމުގައި ދެ ފަރާތުގެ އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމާއި ބްރޯޑްކާސްޓިން ފްރިކުއެންސީ ދޫކުރުމުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް ޓަކައި ދެފަރާތުން އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން ކަމަށެވެ.