12 Jul 2012, 15:58
އެމްޑީޕީން ރޭ އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރީ މުޒާހަރާ ކުރިއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ރާ ބޮއެގެން ތިބިކަމަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ރޭ ޓެސްޓް ހެދި އެއްވެސް ފުލުހަކު ރާ ބޮއެފައިވާ ކަމަށް ޓެސްޓްތަކުން ނުދައްކާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރަކާތްތެރިވި ފުލުހުން ރާބޮއިގެން ތިބި ކަމަށް ބުނެ އެ ކޮމިޝަންގެ ސަމާލުކަމަށް އައުމުން އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ސްޕެޝަލިސްޓް އޮޕަރޭޝާންގެ ހުރިހާ ފުލުހުންގެ ބްރެތް އެނަލިސިސް އެ ކޮމިޝަންގެ ބެލުމުގެ ދަށުން ރޭ ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ޓެސްޓްތަކުގެ ނަތީޖާ އިން ފުލުހުން ރާބޮއެގެން ތިބި ކަމަށް ނުދައްކާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ރޭ ވިދާޅުވީ ފުލުސް އޮފީހަށް ގޮސް އެ ޓެސްޓްތައް ހަދަން ޖެހުނީ އެ ކޮމިޝަންގައި އެފަދަ ޓެސްޓްތައް ހެދޭނެ ވަސީލަތްތައް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އެ ޓެސްޓްތައް ހަދާފައި ވަނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ފުލުހުންގެ ވެސް ހާޒިރުގައި ކަމަށެވެ.