12 Jul 2012, 15:44
އެމްޑިޕީން މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ދާނީ އެމްޑީޕީ ބުރާސްފަތި ނަމުގައި ކަމަށާއި މިއަދުގެ ހަރަކާތްތައް އެހެން ދުވަސްތަކަށް ވުރެ ވަރުގަދަ ވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސްޕޯކްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވީ އެމްޑިޕީން ކުރާ އިހުތިޖާޖްގައި ގިނަ ފިޔަވަޅުތަކެއް އަޅަން ހަމަޖެހިފައިވާ ކަމަށާއި އިންތިހާބުގެ ތާރީހެއް އިއުލާން ކުރަންދެން އެމްޑީޕީން ކުރިއަށްގެންދާ އިހުތިޖާޖްތައް ކުރިއަށްގެންދާނެ ކަމަށެވެ.
އިންތި ވިދާޅުވީ އިއްޔެގެ މުޒާހަރާގައި 40 މީހުން ހައްޔަރުކޮށްފައިވާ އިރު އެމްޑީޕީ ސީދާ ހަރަކާތުގައި މިހާތަނަށް 100 މީހުނަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
"ރޭގައި އަޅުގަނޑުމެން ކުރަމުން ދިޔަ ސުލްހަވެރި މުޒާހަރާގެ ތެރެއަށް ފުލުހުން ގާ އުކި މަންޒަރު ވެސް ވަނީ ފެނިފައި އަދި ރަބަރު ބުލެޓް ޖެހިތަން ވެސް ވަނީ ފެނިފައި،" އިންތި ވިދާޅުވި އެވެ. "ހާއްސަކޮށް ނޫސްވެރިނަށް ދޭ ހަމަލާތައް އަޅުގަނޑުމެން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން."
ރޭގެ މުޒާހަރާގައި ރަބަރު ވަޒަން ޖެހިކަމަށް ބުނާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ފުލުހުން ބުނީ ރޭގައި ރަބަރު ވަޒަން ފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
އިންތި ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުން އާންމުނަށާއި ނޫސްވެރިނަށް ވެސް އަނިޔާކުރަމުންދާ ކަމަށާއި ފުލުހުން ނޫސްވެރިނަށް ހަމަލާދެމުން ދަނީ ނޫސްވެރިންގެ ދައުރު އަދާކުރުމަށް ގަސްތުގައި ދަތި ކުރަން ކަމަށެވެ.