18 Jan 2025, 21:24
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން މި މުބާރާތުގައި ދެވަނަ ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޝްވާޓެކް ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫއާ ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ހައެއް އެކަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޝްވާޓެކް ކާމިޔާބު ކޮށްފައިވަނީ ހައެއް ސުމަކުންނެވެ. މި ކާމިޔާބީއާއެކު މި މުބާރާތުގެ ހަތަރު ވަނަ ބުރުގައި ޝްވާޓެކް ބައްދަލުކުރާނީ ޖަރުމަނުވިލާތުގެ އެވާ ލީސް އާއެވެ.
ލީސް ތިންވަނަ ބުރުގައި ރުމޭނިއާގެ ޖެކްލީން ކްރިސްޓިއަންއާ ބައްދަލުކުރި މެޗު އޭނާ ކާމިޔާބު ކޮށްފައިވަނީ ދެސެޓް އެއް ސެޓުންނެވެ. އެއީ ހަތަރެއް ހަޔަކުން ފުރަތަމަ ސެޓު ގެއްލުމާއެކު ވެސް ފަހު ދެސެޓު ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.
ޝްވާޓެކް ހަތަރު ވަނަ ބުރުން ޖާގަހޯދި އިރު ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ ވަނީ 28 ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާއާ ބައްދަލުކުރި މެޗުން ދެސެޓު އެއް ސެޓުން ބަލިވެ މި މުބާރާތަށް އަލްވަދާއު ކިޔާފައެވެ.
މީގެއިތުރުން ހަވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއި 32 ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ ޑަޔާނާ ޔަސްޓްރެމްސްކާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށް ރީބަކީނާ ވެސް ވަނީ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ.