އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.

މި މުބާރާތުގައި އެއްްވަނައަށް ސީޑު ކުރެވިފައިވާ ސިނާ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އެމެރިކާގެ މާކޮސް ޖިރޯން އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސިނާ ކާމިޔާބު ކުރިއިރު ފަހު ދެ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރިގޮތުގައި ކޮންމެ މެޗެއްގައިވެސް ތަފާތު ދަތިތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެހެން ކަމުން އޭނާއަށް އަދިވެސް ރަނގަޅު ކުރެވޭނެ ކަންތައްތަކެއް އެބަކުރި ކަމަށެވެ. އަދި މި މުބާރާތުގައި ކުރިއަށް ދާން ބޭނުންނަމަ އޭނާއަށް ޖެހޭނީ އެކަންކަން ރަނގަޅު ކުރަން ކަމަށްވެސް ސިނާ ފާހަގަ ކުރިއެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރުގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިމުބާރާތުގައި 13 ވަނައަށް ސީދު ކުރެވިފައިވާ ޑެންމާކްގެ ހެލްގާ ރޫން އާއެވެ. ރޫން ހަތަރު ވަނަ ބުރުން ޖާގަހޯދީ ސާބިއާގެ މިއޮމީރު ކެޗްމަނޯވިޗް އާއި ބައްދަލުކުރި މެޗު ތިން ސެޓް ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.

ސިނާ ހަތަރު ވަނަ ބުރުން ޖާގަހޯދި އިރު ޔޫއެސް އޯޕަންގައި ސިނާއާ ދެކޮޅަށް ފައިނަލްގައި ވާދަކުރި އަދި މި މުބާރާތުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒްގެ ނަސީބު ރަނގަޅެއް ނުވިއެވެ. ތިންވަނަ ބުރުގައި ފަރަންސޭސިވިލާތުގެ ތަޖްރިބާކާރު ކުޅުންތެރިޔާ ގައެލް މޮންފީސް އާއި ބައްދަލުކުރި މެޗުން ބަލިވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ.