ޕޮލިޓިކަލް ޕާޓީ ޓޯކްސްގެ ކަންތައް މިހާތަނަށް ގޮސްފައިވާ ގޮތާ މެދު ފުންކޮށް ވިސްނައި އާ ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

މުޖުތަބާ ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ބުނަނީ ބަނޑޮހުގައި ބޭއްވި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ބޮޑެތި ބަހުސްތަކެއް ކުރެވުނު ނަމަވެސް އެވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާއާ މެދު އާވިސްނުމަކަށް ދާން ޖެހިއްޖެ ކަމަށެވެ.

އެ ބަޔާނުގައި މުޖުތަބާ ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް އެ ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ އެ ބައްދަލުވުންތަކުގައި ރައީސް ވަހީދާއި ބޮޑެތި ޕާޓީތަކުގެ ލީޑަރުންނާ މެދު ބައްދަލުވުންތައް ބޭއްވޭނެ ގޮތާއި މެދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ވިދާޅުވެފައެއް ނުވެ އެވެ.