12 Jul 2012, 15:23
އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އިއްޔެ ރޭ 30 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ އާއި ރޭ މާލޭގެ ބައެއް ސަރަހައްދުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ފުލުހުން 30 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައްޔަރުކޮށްފައިވާ މީހުންނާއި އަމުރަށް ނުކިޔަމަންތެރިވި މީހުންނާއި މުޒާހަރާތައް ކުރިއަށް ދިޔަ ސަރަހައްދުތަކުގެ ސުލްހަ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރި މީހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ހައްޔަރުކުރި މީހުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގާނޫނާ ގަވާއިދާ ހިލާފުވި މީހުންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުން،" އޮފިޝަލު ވިދާޅުވި އެވެ.
އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތުގެ ނަމުގައި މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މާލެ ތެރޭގެ ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުންނަށާއި އާއްމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާލިބިފަ އެވެ. އަދި އިއްޔެގެ މުޒާހަރާގައި މަގު ބަންދުކުރުމަށް ފުލުހުން ބޭނުންކުރަމުން އަންނަ ދެ ބެރިކޭޑެއްގައި ވެސް މުޒާހަރާގައި ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ ރޯކޮށްލާފަ އެވެ.