އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިކްސްއާ އެއްގޮތަށް މާލޭގައި ހުރި ބައެއް އޮފީސް އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ފުލުހުންނަށް ދަސްކޮށްދީފި އެވެ.

ދެ ހަފްތާ އަށް ކުރިއަށް ގެންދިޔަ "ޕްރިވެންޓިން އެޓޭކްސް އޮން ސޮފްޓް ޓާގެޓް" ކޯސް ފުރިހަމަ ކުރި ފުލުހުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯސް ފުރިހަމަކުރި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

އެމެރިކާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ ސާވިސްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ އެ ކޯހުގައި "ވަލްނަރަބަލް ޓާގެޓްސް"ތަކުގެ ގޮތުގައި ސިފަ ކުރާ ސަރުކާރުގެ އަދި އަމިއްލަ އޮފީސްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ސަލާމަތްތެރިކަން އިތުރު ކުރުމަށް ކުރަން ޖެހޭ މުހިންމު ކަންތައްތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިކްސްއާ އެއްގޮތަށް ދަސްކޮށްދީފައިވެ އެވެ.

އެ ކޯހުގައި އެފަދަ ތަންތަނާ ބެހޭ ސާވޭ އާއި ދިރާސާތައް ހަދާނެ ގޮތް ފުލުހުންނަށް ދަސްކޮށްދީފައިވާ އިރު، އޭގެ އަމަލީ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

"މިއީ މިވަގުތައް ފުލުހުންނަށް ވަރަށް މުހިންމު ކޯހެއް. ރާއްޖޭގައި މިވަގުތު ހުރި ވަލްނަރަބަލް ޓާގެޓްސްތައް. އެތަންތަނާ ބެހޭ ގޮތުން އެތަންތަނުގެ ސަލާމަތްތެރިކަން އިތުރު ކުރަން ކުރަން ޖެހޭ ކަންތައްތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިކްސްއާ އެއްގޮތަށް ކުރަން ވަރަށް ރަނަގަޅަށް އެނގިގެން ދިޔަ،" އެ ކޯސްފުރިހަމަ ކުރި ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އަހުމަދު ސޮފްވަތު ރައޫފް ވިދާޅުވި އެވެ.

އެ ކޯހުގައި އެ ސެސްމަންޓް ތައްޔާރު ކުރި އޮފީސްތަކުގެ ތެރޭ އެސްޓީއޯ، ދިރާގު، އައިޖީއެމްއެޗް، ވެލާނާގެ، އަދި އެމްޑަބްލިޔުއެސްސީ ހިމެނެ އެވެ.

އެ ތަންތަން މިހާރު އޮތް ހާލަތު ބަލައި ތައްޔާރުކޮށްފައިވާ އެ ސެސްމަންޓްތަކުގައި މިހާރު އޮތް ހާލަތުން ބޭނުންވާ މިންގަނޑަށް އެތަންތަން ގެންދަން ޖެހޭނެ ގޮތުގެ ތަފްސީލް ހިމަނާފައިވެ އެވެ. އަދި ކޯހުގައި ފުލުހުން ތައްޔާރު ކުރި އެ ސެސްމަންޓް ރިޕޯޓް ވަނީ ކޮންމެ އޮފީހަކާއި ވެސް ހަވާލުކޮށްފަ އެވެ.