23 Aug 2010, 04:59
10:00
ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ، ރައީސުލްޖުމްހޫރިއްޔާ އާއި ބައެއް ސިޔާސީ އިސް ލީޑަރުން އަވަހާރަކޮށްލަން ބަޔަކު އެބަ ރާވާ ކަމަށް ބުނާ "ސިޓީގެ" މައްސަލަ ވަރަށް "ސީރިއަސް" ކަމަށާއި އެކަމާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިއްރު، މުލަކު ދާއިރާގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމް ބްރޭކިން ނިއުސް އަށް އިއްޔެ ހަވީރު ދެއްވި އިންޓަވިއުއެއްގައި ޕީއޭގެ ރައީސް ޔާމީން ވިދާޅުވީ، އެ ސިޓީއަކީ ސީރިއަސް ސިޓީއެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ސިޓީގައި އަވަހާރަކޮށްލާނެ ކަމަށް ބަޔާންކޮށްފައިވާ ބޭފުޅުންނަކީ ގައުމުގެ ސިޔާސީ އިސްވެރިންކަން ފާހަގަކުރައްވަމުން ވިދާޅުވީ، މި މައްސަލައަކީ އަޅާނުލައްވާ ތިއްބެވޭނެ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ސިޓީގައި ބުނާފަދަ އުދުވާނެއް ރާއްޖެ އައިސްފި ނަމަ، ގެއްލުންވާނީ އެ ސިޔާސީ ބޭފުޅުންނަށް އެކަނި ނޫން ކަމަށާއި އެފަދަ ހަމަލާއެއްގައި ކުށެއް ނެތް މައުސޫމް އެތައް ބަޔަކަށް ގެއްލުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި 1988 އަށް ވަނަ އަހަރު ރާއްޖެއަށް ބޭރުގެ ބަޔަކު ދިން އުދުވާނީ ހަމަލާގެ ހިތި ތަޖުރިބާތަކުން މިކަން ވަރަށް ރަގަޅަށް ފެނިގެން ގޮސްފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައިގަނެ، ބޮޑެތި އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މި މައްސަލަ ތަހުގީގުކޮށް، ހަގީގަތާ ހަމައަށް ވާސިލުވުމަށް ފުލުހުންނާއި ސިފައިންނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، މި ހަމަލާގެ ފަހަތުގައި ވަނީ ހަމައެކަނި ބޭރު ބަޔެއް ކަމަށް ގަބޫލުކުރުން އަދި މާ އަވަސް ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި އެއްވެސް އޮޕްޝަނެއް ދޫކޮށްނުލެއްވޭނެކަން ފާހަގަކުރައްވަމުން ވިދާޅުވީ، މި އުދުވާނުގެ ފަހަތުގައި ދިވެހިން ނުވަތަ ދިވެހިންނާއި ބޭރު މީހުން ހިމެނޭ ގްރޫޕެއް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން، މިފަދަ މައްސަލައެއް ތަހުގީގުކުރުމަކީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ލާޒިމްކަމެއް ކަމަށާއި ފުލުހުންނާ ސިފައިންގެ އިންޓެލިޖެންސް ކޮމިޓީއަށް ގެނެސް، މި މައްސަލަ ވަކި ކޮޅެއްގައި ޖެހެންދެން ސަލާމަތީ ބާރުތަކާ ގުޅިގެން ތަހުގީގުކުރިއަށްގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.