ފުލުހުންނަށް ދޮގުމައުލޫމާތު ދިން މީހަކު 1000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެ މައްސަލައިގައި 1000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ މ. ގޮނބިލިގަސްދޮށުގޭ އަބްދުﷲ ސަލީމެވެ.

ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނަނީ މ. ދިލްބަހާރުގޭގައި މާރާމާރީއެއް ހިނަގަމުންދާ ކަމަށް ބުނެ އެގެއަށް ފުލުހުން ފޮނުވައިދިނުމަށް ސަލީމް އެދުމުން އޭނާގެ މައުލޫމާތު ސާފުކުރުމަށް ފުލުހުން ސުވާލުކުރުމުން އޭނާއަކީ މ. ދިލްބަހާރުގޭ މުހައްމަދު ސާމީ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައި ވަނީ ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އެެވެ.

އެ ހުކުމްގައި ބުނަނީ ދޮގު ހެކި ދިނުމުގެ ކުށުން ސަލީމް ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 63 ވަނަ މާއްދާގެ ދަށުން އޭނާ 1000ރ. އިން ޖޫރިމަނާކޮށް އެފައިސާ ހަތް ދުވަސްތެރޭ ކްރިމިނަލް ކޯޓަށް ދެއްކުމަށް އޭނާގެ މައްޗަށް ހުކުމް ކުރާކަމަށެވެ.