12 Jul 2012, 13:48
ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ އަރުޝަދު ޚާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށާއި ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖެއައި ގަތަރު އެއާވޭސްގެ ފުލައިޓަކުން އޭނާ ރާއްޖެ އައިއިރު 100 ބުލެޓުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރި އިރު 326.3726 ގުރާމު ހެރޮއިންނާއި 285.4442 ގުރާމު ހަ އެސިޓައިލް މޯފިނާއި 19.7645 ގްރާމް ޑައިޒިޕަން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ސާބިތުވި މަނާކޮށްފައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުށުގެ އުގޫބާތެއްގެ ގޮތުން އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށުގައި 10 އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.