12 Jul 2012, 13:16
އެމްޑީޕީން ސީދާ ކުއްލި ހަރަކާތަކުގެ ނަމުގައި މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށްދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ރާއްޖެ ޓިވީގެ ކެމަރާމަނަކަށް އަނިޔާވި މައްސަލަ އާއި ސަން މީޑިއާގެ ނޫސްވެރިއަކަށް ހަމަލާދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ރޭގެ މުޒާހަރާގައި ރާއްޖެ ޓީވީގެ ކެމެރާމަނަކަށް އަނިޔާވެފައި ވަނީ މުޒަހަރާ ރުޅާލުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން ކަމަށް އެ ކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށާއި އަދި މި މަހުގެ ނުވަ ވަނަ ދުވަހު ވެސް ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ފުލުހުންގެ ފަރާތުން އަނިޔާވެފައިވާ ކަމުގެ ޝަކުވާ ވެސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެހެން ބަޔާނެއްގައި ބުނެފައި ވަނީ ސަން އެފް އެމްގެ ނޫސްވެރިޔަކަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ދިން ވަރަށް ފިނޑި، އެހާމެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެކޮމިޝަނުން ދެކޭ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރަމުންދާ މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާ އެކު ހަރަކާތްތެރިވުމުގެ ފުރުސަތު ދެއްވުމަށާއި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ސަލާމަތީ ބާރުތަކުން އަމަލު ނުކުރެއްވުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ. އަދި އެބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ނޫސްވެރިނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ސިޔާސީ ބޭނުމަށް ނަޖާއިޒް ގޮތުގައި ބޭނުން ނުކުރުމަށް އެކޮމިޝަނުން ގޮވާލާ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެފަދަ ބަޔާނެއް ނެރެފައިވާ އިރު ފަހަކަށް އައިސް މުޒާހަރާގެ ބައިވެރިންގެ ފަރާތުންނާއި ބައެއް ފުލުހުންގެ ފަރާތުން މުޒާހަރާ ކަވަރު ކުރަން މަސައްކަތްކުރާ ނޫސްވެރިނަށް ދަނީ ތަފާތު ހަމަލާތައް ރައްދުވަމުންނެވެ. އެގޮތުން ރޭ ރާއްޖެ ޓީވީ ކެމަރާމަނަކަށް ފުލުހުންގެ ފަރާތުން އަނިޔާވި އިރު މުޒާހަރާ ތެރެއިން އެއްލި އެއްޗަކުން ޖެހި ސަން މީޑިއާގެ ނޫސްވެރިއަކަށާއި ޕޮލިސް މީޑިއާގެ ކެމަރާ މަނަކު ވެސް ވަނީ ޒަހަމްތަކެއްވެފަ އެވެ.