12 Jul 2012, 12:16
ސަރުކާރާ ހަވާލުވެވަޑައިގެންނެވީ އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުންފުޅެއްގައި ނޫން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ ކެތްތެރިކަމާ އެކު ރައްޔިތުންނާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ހުރާގެ އިޖުތިމާއީ މަރުކަޒު ހުޅުވައިދެއްވުމަށް ޓަކައި ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، މިހާރު މާލޭގެ މަގުތައް މަތީގައި އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިގައުމުގެ ރައްޔިތުންނަށް ޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތެއް ސާބިތުކަމާއެކީ ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި ރާއްޖޭގެ ހަގީގަތް އޮޅުވާލުމަށް ޓަކައި ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ތަނެއްގެ ހަމަޖެހުމާއި ސުލްޙަވެރިކަމާއި ރައްޔިތުންގެ އުފާވެރިކަން ބިނާވެފައި އޮންނަނީ އެތަނެއްގައި އެކުވެރިކަމާއި އޯގާތެރިކަން އޮވެގެން އެތަނެއްގައި ސުލްޙަ މަސްލަހަތު ގާއިމު ކުރެވިގެން ކަމަށް ވިދާޅުވެ ހުރާ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް ރައީސް ތައުރީފު ކުރެއްވި އެވެ.
"އަޅުގަނޑުމެންނަކީ އެއްދަރިކޮޅެއްގެ އެއްދީނެއްގެ އެއްބަހަކުން ވާހަކަދައްކާ އަހުންނާއި އުހުތުން. އެކަން ހަނދާންނެތި އަޅުގަނޑުމެންގެ އަމިއްލަ ބޭނުންތަކަކަށް ޓަކައި އެކަކު އަނެކަކާ ދިމާކުރުން އެއީ ރަނގަޅު ގޮތެއްނޫން،" ރައީސް ވިދާޅުވި އެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީ ދުވަހުގެ ޝިއާރުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވި އެވެ. ރައީސް ވިދާޅުވީ މުޖުތަމައުގައި ފިރިހެނުންނާ އެއްވަރަށް އަންހެނުން ވެސް ހިއްސާކުރަމުން ގެންދާކަން ރޭގެ އެ ރަސްމިއްޔާތުން ވެސް ފެނިގެން ހިނގައްޖެ ކަމަށާއި ހުރާ ރައްޔިތުންގެ އިޖްތިމާއީ މަރުކަޒުގެ ސަބަބުން ހުރާ އަންހެން ބޭފުޅުންނަށް ބޭނުންފުޅުވާ އިލްމާއި ހުނަރާއި ތަރައްގީއަށް ޓަކައި ބޭނުންވާނެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ހުރާ ކައުންސިލްގެ ފަރާތުން ރައީސް އަށް ހަނދާނީ ހަދިޔާއެއް އެރުވި އެވެ.