12 Jul 2012, 12:05
ފީފާގެ ކުރީގެ ރައީސް ޖޯ ހަވެލާންޖާއި ފީފާގެ އިތުރު ބައިވެރިއަކު ބަނގުރޫޓްވެފައިވާ އެޖަމާއަތުގެ ކުރީގެ މާކެޓިން ކުންފުނިން ގާތްގަނޑަކަށް 14.4 މިލިއަން ޕައުންޑްގެ ރިޝްވަތު ނަގާފައިވާ ކަމަށް ސްވިސް ސްޕްރީމް ކޯޓުން ބުނެފި އެވެ.
އެ ޖަމާއަތުން އާއްމުކުރި ރިޕޯޓްތައް ބުނާ ގޮތުން ފީފާގެ ރައީސް ކަމުގައި 24 އަހަރު ހޭދަކޮށްފައިވާ ހެވެލާންޖް ވަނީ 986،000 ޕައުންޑް ހޯދައިފަ އެވެ. އަދި އޭނާއާ އެކު އެކްސްކޯގައި ހަރަކާތްތެރިވި މެމްބަރު ރިކާޑޯ ޓެޒެއިރާ ވަނީ 8.4 މިލިއަން ޕައުންޑް ނަގާފަ އެވެ. އަދި މި ދެ މީހުން ވެގެން ފީފާގެ ކުރީގެ މާކެޓިން ކުންފުނި އައިއެސްއެލްއިން ނެގި ފައިސާގެ އަދަދު 14 މިލިއަނަށް އަރާނެ ކަމަށްވެ އެވެ.
އައިއެސްއެލް އުވާލަން ޖެހުނީ ދަރަނި އިންތިހާ އަށް ބޮޑުވެ، 2001 ވަނަ އަހަރު އެވެ.
1974 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް ފީފާގެ ރައީސްކަން ކުރެއްވި ހަވެލާންޖް މަގާމުން ވަކިވުމުން ފިފާގެ ރައީސްކަމާ ހަވާލުވީ ހަވެލާންޖްގެ ޖެނެރަލް ސެކްރެޓަރީ ސެޕް ބްލެޓާ އެވެ. އޭނާގެ މައްޗަށް ވެސް މިފަހަކަށް އައިސް ވަނީ ރިޝްވަތުގެ ތުހުމަތު ކުރެވިފަ އެވެ.