މަރާލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދުގެ ކާރުގައި ރޭ ބަޔަކު އަލިފާން ރޯކޮށް އަންދާލައިފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ދިޔާނާ ސައީދު މިއަދު ވިދާޅުވީ އެކަމަނާގެ ކާރުކޮޅުގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައިވާ ކަމަށާއި އެކަމަކީ އެމްޑީޕީން ހިންގި ސީދާ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެން އަމިއްލަ މުދަލެއް ނޫން އެއީ ދައުލަތުގެ މުދަލެއް. އަނެއްކޮޅުން އިއްޔެ އަޅުގަނޑު މަގުމަތީ ހުއްޓައި ކަލޭ މަރާލާނަމޭ ބުނެ އިންޒާރު ދީފައި ވަނީ. އޭގެ 24 ގަޑިއިރު ނުވަނީސް ކާރު އަންދާލީ، އެހެންވެ މިއީ އަޅުގަނޑުގެ ފުރާނައަށް ދިން ހަމަލާއެއްގެ ގޮތަށް އަޅުގަނޑަށް ގަބޫލްކުރެވޭ،" ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކާރުގައި ރޯކޮށްލި މީހާ އަށް ވުރެ އެކަމަނާ ކުށްވެރިކުރަނީ "ޓެރަރިސްޓް މުހައްމަދު ނަޝީދު" ކަމަށާއި ސަބަބަކީ ކުރީގެ ރައީސް ނަޝީދު ގޮވާލާފައިވާ ސީދާ ހަރަކާތަކީ މަގުމަތިން ސަރުކާރު ވައްޓާލުމަށް ގޮވާލި ގޮވާލުމެއް ކަމަށާއި އެކަމަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

"މިއީ ސީދާ ޓާގެޓް ޓެރަރިސްޓު އަމަލެއް. މުޒާހަރާގައި އެމީހުން މުޅި ގައުމު އެއްކޮޅުން އަނެއް ކޮޅަށް ހުޅުޖަހާނަމޭ ހުޅުޖެހުމަށް ގޮވާ އެއާ ގުޅޭ ގޮތަށް އަމުލުކޮށް ހިންގި އަމަލެއް. އަނެއް ކޮޅުން ކާރުގައި އަލިފާން ރޯވެގެން އަނދަމުން ދިޔަ އިރު އެތަނުގައި އެމްޑިޕީ އަށް ނިސްބަތްވާ އަންހެނުންތަކެއް އަތްޖަހަމުން ރަނގަޅޭ ރަނގަޅެ ގަވަމުން ދިޔަ، އެހެންވީމާ މިއީ ހިތާމަކުރެން ޖެހޭ ކަމެއް،" ދިޔާނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ދަރުބާރުގޭ ކައިރީގައި ޕާކްކޮށްފައި އޮތް ދިޔާނާގެ ކާރު އަންދާލާފައި ވަނީ ރޭ ގާތްގަނޑަކަށް 4:00 ޖަހާކަންހާ އިރު ކަމަށާއި އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރުގެ ކުރީ ސީޓާއި ފަހަތު ސީޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

"މިޙާދިސާގައި ކާރުގެ ވިންޑް ސްކްރީން އާއި ފަހަތު ދެދޮރުފަތުގެ ބިއްލޫރި ގަނޑު ވަނީ އެއްކޮށް ހަލާކްވެފައި. އަދި މީގެ އިތުރުން ކާރު ބަލައި ފާސް ކުރި އިރު ކާރު ތެރެއިން ޕެޓް ފުޅިއަކާއި ޕޭމަންޓް ގާބުރި އެއް ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

އަދި ބުނީ މިހާރު އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެމްޑީޕީގެ ސުޕޯކްޕަސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ އަމަލަކީ އެމްޑީޕީން ހިންގި އަމަލެއް ނޫން ކަމަށާއި އެމްޑީޕީން ކުރަމުންގެން ދަނީ ސުލްހަވެރި މުޒާހަރާތައް ކަމަށާއި އެއަމަލަކީ ކާރު އާކޮށްލުމުގެ ގޮތުން ދިޔާނާމެން އަމިއްލަ އަށް ހިންގި އަމަލެއް ކަމަށެވެ.

ޖެންޑާ މިނިސްޓަރު ދިޔާނާ ސައީދުގެ ކާރު ރޯކޮށްލާފައިވާ އިރު ރޭ އެމްޑީޕީ އިން މުޒާހަރާކުރަމުން ދިޔަ ވަގުތު މަގުބަންދު ކުރުމުގެ ގޮތުން ފުލުހުން ޖަހާފައި ހުރި ދެ ބެރިކޭޑެއްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ. އަދި ރޭ ދަންވަރުގައި ނ. ހޮޅުދޫ ޕޮލިސް ސުޓޭޝަނުގައި ވެސް ބަޔަކު ވަނީ އަލިފާން ޖަހާ ބޭނުންނުކުރެވޭ ވަރަށް އަންދާލާފަ އެވެ.