ދިރާގު ދިވެހި ލީގުގައި އިއްޔެ ވެލެންސިއާ 6-5 އިން ބަލިކޮށް ޗެމްޕިއަން ވީބީ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާއެކު ވީބީ އަށް ތިން ވަނަ ލިބުނީ 10 މެޗުން 15 ޕޮއިންޓާއެކުގަ އެވެ. އަށް ޓީމު ވާދަ ކުރާ ލީގުގައި ވެލެންސިއާ އޮތީ 10 މެޗުން ހަތް ޕޮއިންޓާއެކު ފަހަތުން ދެވަނާގަ އެވެ.

މި މެޗުގައި ވެލެންސިއާގެ އަހުމަދު ވިޝާމް (ޖެރާޑް) ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. ދެން ލަނޑު ޖެހީ ވީބީން ބަދަލުވެ ވެލެންސިއާ އަށް ކުޅެދިން ފުރަތަމަ ފަހަރަށް ކުޅެދިން ލައިބީރިއާ ފޯވަޑް ރައިޓް ޗާލްސް ގަޔޭ އާއި އަބުދުލްވާހިދާއި އިބްރާހީމް ހަމްދާން (މެސީ) އެވެ. ވީބީގެ ލަނޑުތައް ޖެހީ ސިއަރަލިއޯނުގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރީ އާއި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް ހެދި އެވެ.

ދެ ޓީމުން ވެސް ރިޒާވް ކީޕަރުންނާއެކު ކުޅުނު މެޗުން ބަލިވުމުން ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު ބުނީ ނަސީބުވެސް ނެތީ ކަމަށެވެ.

ވީބީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ބުނީ އޭނާގެ ކުޅުންތެރިން ތިބީ ޕްރެޝަރުގައި ކަމަށާއި ނަމަވެސް ފަހުން ޓީމު ހަމައަކަށް އެޅުނު ކަމަށެވެ. އަދި ގޯލްކީޕަރު ޓްރޭނަރު ހުސައިން ހަބީބް ފުލްކޮށް ކުޅުނުއިރު ފިޓްނަސްގެ މައްސަލަ ފާހަގަ ކުރެވުނު ކަމަށެވެ.

މި މެޗުން ބަލިވުމުން ގަދަ ހަޔެއްގައި ހިމެނުމަށް ވެލެންސިއާ އަށް ވަނީ ވަރަށް ބޮޑަށް ފުރުސަތު ހަނިވެފަ އެވެ. ލީގުގައި އެ ޓީމަށް ބާކީ އޮތީ ހަތަރު މެޗެވެ. ގަދަހަޔެއްގައި ހިމެނޭނީ ލީގުގެ ދެ ވަނަ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމެވެ. ވެލެންސިއާ އަކީ ފާއިތުވެދިޔަ ތިން އަހަރު ގަދަ ހަތަރަކުން ކެޓި ޓީމެކެވެ. މި ތިން އަހަރު ލީގު ކާމިޔާބުކުރީ ވީބީ އެވެ.