ޓްރާންސްފާ ޕީރިއަޑާ ޖެހެންދެން ވެލެންސިއާގެ ހެޑްކޯޗެއްގެ ގޮތުގައި ހުރީ ކުރީގެ އެއްވަނަ ކީޕަރު މުހައްމަދު އިގްބާލެވެ. ނަމަވެސް އިއްޔެ ވީބީ އަތުން ބަލިވި މެޗުގައި ޓީމަށް އިރުޝާދުދިނީ އިގްބާލުގެ އެހީތެރިޔާ އަހުމަދު ނާޝިދު (ނާދު) އެވެ.

މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އިގްބާލް ބުނީ "މިހާރު މަށަކީ ކޯޗެއް ނޫން،" ކަމަށެވެ. ނަމަވެސް ވެލެންސިއާގެ އިސްބޭފުޅުން ބުނަނީ ކޯޗަކީ އަދިވެސް އިގްބާލްކަމަށެވެ. އަދި ޓީމު ލިސްޓުގައި ވެސް ކޯޗެއްގެ ގޮތުގައި ޖަހާފައިވަނީ ވެލެންސިއާގެ ކުރީގެ ކީޕަރުގެ ނަމެެވެ.

ނަމަވެސް ލީގު މެދުކަނޑާލާފައި އޮތް ދުވަސްވަރު ޓީމުގެ ފަރިތަކުރުންތަކުން އިގްބާލް ނުފެނެ އެވެ. ޓީމު ތަމްރީނު ކުރަމުންދިޔައީ ނާދު އެވެ. އެކަމާ ބެހޭ ގޮތުން ކުރިން ސުވާލުކުރުމުން ވެލެންސިއާއިން ބުނީ އިގްބާލްހުރީ އާއިލީ ކަމެއްގައި އަތޮޅު ތެރޭގައި ކުޑަޗުއްޓީއެއްގައި ކަމަށެވެ.