22 Aug 2010, 19:34
00:30
މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކުރި ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ކަސްޓަމްސް އިން ބުނީ ރޭ ދަންވަރުގެ ފްލައިޓުން ލަންކާ އިން އައި އެ ދެމީހުންގެ ފޮށިތަންމަތި ބަލާ ފާސްކުރި ކުރުމުގައި 3800 ކިލޯ ވޯޓުގެ ސްޓަން ގަން އަކާއި ބޮލާއި މޫނު އެއްކޮށް ފޮރުވަން އަޅާ ޒާތުގެ ނުވަ މާސްކު ފެނިފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރުމަށް ތަކެއްޗާއި މީހުނާ އެކު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމަސް އިން ބުންޏެވެ. ނަމަވެސް އެމީހުންގެ ނަމާއި އިތުރު މައުލޫމާތެއް ކަސްޓަމްސް އަކުން ވެސް އަދި ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އަދި އެތަކެތި ރާއްޖެ އެތެރެ ކުރި މީހުންނާ އެއްޗެހި މިހާރު ފުލުހުންގެ ބެލުމުގައި ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ޗައިނާ އިން ރާއްޖެ އައި ބޯޓަކުން ބޭލި މުދާތަކެއް ފާސްކުރި ކުރުމުގައި ވަނީ ފަސް ކަނޑި ފެނިފަ އެވެ. އެކަނޑިތަކުގެ ދިގުމިނުގައި ތިން ފޫޓު ހުރި ކަމަށް ކަސްޓަމަސްއިން ބުނެ އެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު ހަމަ އެ ބޯޓުން ބޭލި މުދާތަކެއް ފާސްކުރި ކުރުމުގައި 260 ބަޑިއާއި 12 ސާޅަނގަ ވަނީ ފެނިފަ އެވެ. އަދި މިހާރު އެ އެއްޗެހި ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ.