12 Jul 2012, 10:48
ކްލަބް އީގަލްސްގެ މި އަހަރުގެ ސްކޮޑުގެ 40 ޕަސެންޓަކީ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކަމަށް ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނެފި އެވެ.
ދިރާގު ދިވެހި ލީގުގެ އެއްވަނާގައި އޮތް ނިއު އަތުން އީގަލްސް ބަލިވި މެޗުގައި އަނިޔާގެ ސަބަބުން ބަކާ ނުކުޅެ އެވެ. މެޗަށް ފަހު ސާންތީ ބުނީ ބަކާ ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.
"ހަގީގަތުގައި ބަކާ އަކީ އީގަލްސް އަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އީގަލްސްގެ 40 ޕަސެންޓަކީ ބަކާ. މިހެންވެ ބަކާ ނެތްތަން ވަރަށް ބޮޑަށް ދެއްކި. އެހެން ނަމަވެސް ދެން ތިބި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވެސް ހިތްހަމަޖެހޭ،" ސާންތީ ބުންޏެވެ.
އައިއެފްސީ އާއި ވެލެންސިއާ އަދި ވީބީ އާއި ވިކްޓަރީގެ އިތުރުން ނިއު އަށް ވެސް ކުޅުނު ބަކާ އަކީ މި އަހަރުގެ ސީޒަނަށް އީގަލްސް އަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. އަދި އެއްފަހަރާ އެންމެ ބޮޑު އަގެއްދީފައި ފުރަތަމަ ފަހަރަށް ކުލަބަކަށް ގެންދިޔަ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.