އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ މިސާލެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، އެމަނިކުފާނު އެސްޓޯނިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާޙަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން ކާމިޔާބީތައް ހޯދިފައި ވަނީ އެ ގައުމުގެ ރައީސް އަލާރް ކާރިސްގެ ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށާއި އެ ކާމިޔާބީތަކަށް ތައުރީފު ހައްގު ކަމަށެވެ.

ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސްއާ އެއްކޮށް --- ފޮޓޯ/ ރައީސް އޮފީސް

އެސްޓޯނިއާއަކީ ޓެކްނޮލޮޖީއަށް މުޖުތަމައުތައް ބާރުވެރިކުރުމުގެ މިސާލެއްކަން ފާޙަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިވާ ކަމަށެވެ.

މީގެއިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އެސްޓޯނިއާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވާފައެވެ.

އެގޮތުން، ދެ ގައުމު ވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާ ހަމައިގައި ކަމަށާއި އެ ގުޅުމަކީ ދެ ގައުމުން އިޙުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އެ ފަރިއްކޮޅުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ވަޑައިގަތުމަށް ޑރ. އަލާރް ކާރިސްއަށް ދައުވަތު ދެއްވާފައެވެ.

ރައީސް އޮފީހުން ވަނީ، ރައީސް މުއިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅުގައި އަމާޒަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ވިޔަފާރީގެ އެއްބާރުލުން އިތުރުކުރެއްވުމާއި، ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީގަވަނަންސް އަދި މޫސުމާ ގުޅޭ މައްސަލަތަކުގެ އިތުރުން ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯއްދެވުން ކަމަށް ބުނެފައެވެ.

ރައީސް އެ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތީގައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.