12 Jul 2012, 10:41
އިމާރާތްކޮށް ނިމި ހުޅުވަން ތައްޔާރުވެފައި ހުރި ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަންގައި ރޯކޮށްލައި އެ ސްޓޭޝަން ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސްޓޭޝަނުގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 2:45 އެހާކަންހާއިރު ކަމަށާއި ލަފާކުރެވެނީ ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.
"އަލިފާން ރޯކޮށްލުމުގެ ސަބަބުން އެ އިމާރާތް ވަނީ އެއްކޮށް އަނދާފައި. އޭގެ ތެރޭގައި އެތަނުގައި ހުރި ހުރިހާ ފަރުނީޗަރަކާއި ފުލުހުންގެ ތިން ބައިސްކަލާއި ސައިކަލެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި މައްސަލައެއް ތަހުގީގްކުރުމަށް ގޮސްތިބި ފުލުހުންގެ ޓީމެއް އެ ވަގުތު ވެސް އެ ރަށުގައި ތިބި ކަމަށާއި މިހާރު އެ ޓީމުން އެ މައްސަލަ ތަހުގީގް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް އަބުދުލް އަޒީޒް ހުސެއިން ވިދާޅުވީ އެތަނުގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު އެބޭފުޅުނަށް ލިބުނީ ރޭ 2:30 އެހާކަންހާއިރު ކަމަށާއި މަޑިވަރުގައި ތިބި ސިފައިނާއި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު އަލިފާން ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 6:00 ޖަހާ ކަންހާއިރު ކަމަށެވެ. އަދި ވިދާޅުވީ އެ އިމާރާތަކީ ރައްޔިތުންގެ އިމަރާތެއް ކަމަށާއި އެ އިމަރާތް ފުލުހުނަށް ދީފައި ވަނީ އެ ރަށުގައި ޕޮލިސް ސްޓޭޝަނެއް ހުރުމަށް ރައްޔިތުން އެދޭތީ އެކަމަށް އެހީތެރިވުމަށް ކަމަށެވެ.
"އެ އިމަރާތަކީ ރައްޔިތުންގެ އިމަރާތެއް އެތަނުގައި މިހާރު ހުރިހާ ވަސީލަތަކާއި ހުރިހާ ފަރުނީޗަރެއް ވާނީ ގާއިމްކުރެވިފައި. ފުލުހުން ނިދާނެ އެނދަށް ދާންދެއް ހުންނާނެ. ދެން އަލިފާން ރޯކޮށްލުމުގެ ސަބަބުން މިހާރު އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި" އަބުދުލް އަޒީޒް ވިދާޅުވި އެވެ.
ހޮޅުދޫ ޕޮލިސް ސްޓޭޝަނުގައި އަލިފާން ރޯކޮށް އަނދާހުލިކޮށްލާފައިވާ އިރު ރޭގައި ވަނީ އުސްފަސްގަނޑު، ދަރުބާރުގޭ ސަރަހައްދުގައި އޮތް ސަރުކާރުގެ ވެހިކަލެއް ވެސް ރޯކޮށްލައިފަ އެވެ. އަދި އަށެއް ފެބުރުއަރީގައި ސަރުކާރު ބަދަލުވުމާ ގުޅިގެން ހިނގި ހަމަނުޖެހުމުގެ ތެރޭގައި ވެސް އަތޮޅު ތެރޭބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ވަނީ އަލިފާންރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދައިފަ އެވެ.