12 Jul 2012, 09:47
ރިޔާޟް (ޖުލައި 12): މިސްރުގެ އައު ރައީސް މުޙައްމަދު މަރްސީ ސަޢޫދީ އަރަބިޔާ އަށް ވަޑައިގެން ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިންޢަބްދުލްޢަޒީޒް އާ ބައްދަލުކުރައްވައިފި އެވެ.
މިއީ މިސްރުގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ޤައުމުން ބޭރަށް މަރްސީ ކުރައްވި ފުރަތަމަ ދަތުރުފުޅެވެ. މަރްސީ ސަޢޫދީ އަރަބިޔާ އަށް ވަޑައިގެންނެވީ ދެ ޤައުމުގެ ގުޅުންތައް ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާ ދުވަސްވަރެއްގަ އެވެ. ދެ ޤައުމުގެ ގުޅުންތައް ހީނަރުވެގެން ދިޔަ އެއް ސަބަބަކީ ސައޫދީ ރަސްގެފާނު އަބްދުﷲ އަށް ބަދުބަސް ބުނުމުގެ ތުހުމަތުގައި މިސްރުގެ ޤާނޫނީ ވަކީލެއް ކަމަށްވާ އަޙްމަދުލްޖީޒާވީ ސަޢޫދީ އަރަބިޔާ އިން ޝަރީއަތަކާނުލައި ހައްޔަރުކޮށްފައިވުމެވެ.
މިމައްސަލާގައި މިސްރުގެ ރައްޔިތުން ސައޫދީ ސަރުކާރާ ދެކޮޅަށް ތެދުވުމުން ސައޫދީން ބުނީ އަލްޖީޒާވީ ހައްޔަރުކުރީ މަސްތުވާއެއްޗެއް ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް އެތެރެކޮށްގެން ކަމުގަ އެވެ. ސައޫދީ ރަސްގެފާނަށް ފާޑުކިޔުމަކީ އެ ޤައުމުގައި ހުއްދަކަމެއް ނޫނެވެ.
މިމައްސަލާގައި މިސްރުގެ އެތައް ހާސްބަޔަކު ސަޢޫދީ ރަސްކަމުގެ ނިޒާމާދެކޮޅަށް ޤާހިރާގައި ހުންނަ ސަޢޫދީ އެންބަސީގެ ކުރިމަތީގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކޮށް އިޙްތިޖާޖްކުރުމުން ސައޫދީ ސަރުކާރުން ވަނީ ޤަހިރާގައި ހުންނަ ސައޫދީ ސަފީރު ކުއްލި ގޮތަކަށް މިސްރުން ގެންގޮސްފަ އެވެ. ނަމަވެސް ހަފްތާއެއްގެ ތެރޭގައި ސައޫދީން އެޤައުމުގެ ސަފީރު އަލުން މިސްރަށް ފޮނުވި އެވެ. އަނެއް ސަބަބަކީ ސައޫދީންގެ ތާއީދުލިބިފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމް ވެއްޓި ސައޫދީންގެ އިތުބާރު ނެތް މިސްރުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ އަތްދަށަށް މިސްރުގެ ވެރިކަން ދިޔުމެވެ.
މަރްސީއަކީ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ފަރާތުން މިސްރުގެ ވެރިކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓެވެ. ސައޫދީ އަރަބިޔާއާއި މިސްރުގެ ހުސްނީ މުބާރަކްގެ ނިޒާމަކީ ޢަރަބި ޤައުމުތަކުގެ ވެރިކަމުގެ ނިޒާމްތަކުގެ ތެރެއިން އެމެރިކާއާ އެންމެގާތްގުޅުންތައް އޮންނަ އަދި އެމެރިކާގެ އެންމެ އިތުބާރުކުރާ ދެ ނިޒާމެވެ. ސައޫދީ ޢާއިލި ރަސްކަން ވެއްޓިދާނެތީ ސައޫދީ އަރަބިޔާއަކީ ޢަރަބި ސުޕްރިންގްގައި ޢަރަބި ޤައުމުތަކަށް ރައްޔިތުންގެންނަމުންދާ އިންޤިލާބުތަކަށް ތާއީދުކުރާ ޤައުމެއްނޫނެވެ.
ޢަރަބި ސުޕްރިންގްގައި ވެރިކަން ބަދަލުވި ތޫނިސް، މިސްރު އަދި ލީބިޔާގެ އައު ވެރިކަމުގެ ނިޒާމްތަކާއި ސައޫދީ އަރަބިޔާއާދެމެދު ގާތްކަމެއް ނޯވެ އެވެ. މިތިން ޤައުމުގެ ތެރޭން ތޫނިސްގެ ކުރީގެ ޑިކްޓޭޓަރ ޒައިނުލްޢާބިދީން ބިން އަލީއަށް ޙިމާޔަތާއި ރައްކާތެރިކަން ދީފައިވަނީ ވެސް ސައޫދީ އަރަބިޔާއިންނެވެ. ބިންޢަލީގެ މައްޗަށް ތޫނިސްގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށްޓަކައި އޭނާ ތޫނިސްގެ ސަރުކާރާ ޙަވާލުކުރުމަށް ތޫނިސްއިން ތަކުރާރުކޮށް އެދުމުންވެސް ސައޫދީން ވަނީ އެކަމަށް އިޖާބަ ދިނުމަށްް ދެކޮޅު ހަދާފައެވެ.
މިތިން ޤައުމުގެ ތެރޭން ތޫނިސްއާއި މިސްރުގެ ވެރިކަން ލިބުނީ އިސްލާމީ ޚިޔާލުގެ ޕާޓީތަކަށެވެ. ނަމަވެސް ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މަރްސީ ސައޫދީ އަރަބިޔާ އަށް ވަޑައިގެންނެވީ ޢަރަބި ގުޅުންތައް ބަދަހިކުރުމަށް މިސްރުގެ އައު ސަރުކާރުން އިސްކަންދޭކަން ހާމަކުރުުމުގެ ގޮތުން ކަމަށް މުރާސިލުން ބުނެ އެވެ.
ސައޫދީ އަރަބިޔާއަކީ މިސްރުގެ އެތައް ލައްކަ ބަޔަކު ވަޒީފާ އަދާކުރާ ޤައުމަކަށް ވެފައި މިސްރުގައި ސައޫދީ އިންވެސްޓްމަންޓްތައް ގިނަކަމުން ސައޫދީ އަރަބިޔާއާ އެކު ގާތްގުޅުންތަކެއް ބޭއްވުމަކީ މިސްރަށް ވަރަށް މުހިއްމުކަމެކެވެ. ސައޫދީ އަރަބިޔާ އަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި މަރްސީ ވިދާޅުވީ ގަލްފުގެ އަމްނާއި ސަލާމަތަކީ އެއާ ނުކުޅެވޭނެ ރަތްރޮނގެއް ކަމަށް މިސްރުން ބަލާނެކަމުގަ އެވެ. މަރްސީ އާއި ސައޫދީ މަސްއޫލުވެރިންގެ މަޝްވަރާތައް ބިނާކުރައްވާނީ ދެޤައުމުގެ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ސައޫދީ އިތުރު އިންވެސްޓްމަންޓްތައް މިސްރަށް ގެންދިޔުމާބެހޭ ގޮތުން ކަމަށް މިސްރުގެ މީޑިޔާ ބުނެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)