12 Jul 2012, 09:27
މިސްރުގެ ޕާލަމެންޓް އުވާލާފައިވާ އުވާލުން ބާތިލްކޮށް ޕާލަމެންޓްގެ ޖަލްސާތައް އަލުން ފެށުމަށް އާ ރައީސް މުޙައްމަދު މަރްސީ ނެރުއްވި ރިޔާސީ ބަޔާނަކީ ބާތިލް ބަޔާނެއް ކަމަށް ދަސްތޫރީ އެންމެމަތީ ކޯޓުން ނިންމުމުން ކޯޓުގެ އަމުރަށް އިހްތިރާމް ކުރައްވާނެ ކަމަށް މިސްރުގެ ރިޔާސަތުން ވަނީ ހާމަކޮށްފަ އެވެ.
މަރްސީގެ ޤަރާރު މުރާޖަޢާ ކުރުމަށް ފަހު މިސްރުގެ ދަސްތޫރީ ކޯޓުން ނިންމީ އޭނާ ނެރުއްވި ރިޔާސީ ބަޔާނަކީ ބާތިލް ބަޔާނެއް ކަމަށާ ޕާލަމެންޓް އަލުން ވުޖޫދަށް ގެނަސް ޕާލަމެންޓްގެ ޖަލްސާތައް އަލުން ނުބޭއްވޭނެކަމުގަ އެވެ. ދަސްތޫރީ އެންމެ މަތީ ކޯޓުގެ މިނިންމުމާ ގުޅޭ ގޮތުން މަރްސީ ވިދާޅުވީ ކޮންމެ ގޮތެއްގައި ވެސް ބާރުގަދަ ވާނީ ކޯޓުގެ އަމުރު ކަމަށާއި ސަރުކާރުން ކޯޓު އަމުރަށް ބޯލަނބާނެ ކަމުގަ އެވެ. މަރްސީ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސައޫދީ އަރަބިޔާއަށް ފުރާވަޑައިގަތުމުގެ ތަންކޮޅެއް ކުރިންނެވެ. އޭގެ ކުރިން ދަސްތޫރީ ކޯޓުގެ ނިންމުމާ ބެހޭ ގޮތުން މަރްސީ ބަޔާނެއް ނުދެއްވަ އެވެ.
ދަސްތޫރީ އެންމެ މަތީ ކޯޓުގެ އަމުރަށް ކިޔަމަންތެރިވެވަޑައިގަންނަވާނެ ކަން ހާމަކުރައްވަމުން މަރްސީ ވިދާޅުވީ ޕާލަމެންޓް އުވާލުމާއި އޭނާގެ ރިޔާސީ ޤަރާރު ބާތިލްކުރުމަށް ދަސްތޫރީ އެންމެ މަތީ ކޯޓުން ނެރުނު އަމުރާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ނައްތާލުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ވާހަކަ ދައްކައިގެން ސުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމުގަ އެވެ. މިގޮތަށް ކެތްތެރިކަމާ އެކު މަސައްކަތްކޮށްފި ނަމަ މި ވަޅުގަނޑުން އަރައިގަނެވޭނެ ކަމަށް ވެސް މަރްސީ ވިދާޅުވި އެވެ.
މިސްރުގެ ޕާލަމެންޓްއުވާލީ އެޤައުމުގައި ވަގުތީގޮތުން ވެރކަންކުރި ޢަސްކަރީ އެންމެމަތީ މަޖިލިހުންނެވެ. މަރްސީ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމުން އެމަޖިލީހުގެ ތަންފީޒީބާރުވަނީ ގެއްލިފައެވެ.ނަމަވެސް ޕާލަމެންޓަ އުވާލުމަށްފަހު ޢަސްކަރީ މަޖިލީހުން އަމިއްލައަށް ހޯދި ޤާނޫނު ހެދުމުގެބާރުއަދިވެސް އެބައޮތް ކަމަށް ޢަސްކަރީ މަޖިލީހުންބުނެއެވެ. ދަސްތޫރީ ކޯޓުން މަރްސީގެ ޤަރާރު ބާތިލްކުރުމުން ޢަސްކަރީ މަޖިލީހުންވަނީ އެކަމަށް މަރްޙަބާ ކިޔާފައެވެ. ޢަސްކަރީ މަޖިލީހުން ބުނެފައިވަނީހުރިހާ ފަރާތްތަތަކުން ވެސް ކޯޓުއަމުރަށް ބޯލަނބަން ޖެހޭނެ ކަމަށާއިމަޖިލިސް އުވާލުމަށް ނިންމި ނިންމުމަށް މިސްރުގެ ރިޔާސަތުވެސް ބޯލަނބަންޖެހޭނެ ކަމުގައެވެ.
ރައްޔިތުންގެ އުތުރިއެރުމާ އެކު މަޖްބޫރުވެވަޑައިގެން މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ އިސްތިއުފާ ދެއްވަމުން ރިޔާސީ ޤަރާރަކުން އުފެއްދެވި ޢަސްކަރީ މަޖިލީހުން މިސްރުގެ ޕާލަމެންޓް އުވާލުމުގެ ޤަރާރު ނެރުނީ ޕާލަމެންޓްގެ ބައެއް މެންބަރުން އިންތިޚާބުކޮށްފައި ވަނީ އިންތިޚާބުތަކާ ބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ މިސްރުގެ ދަސްތޫރީ ކޯޓުން ކުރިޙުކުމަކަށްފަހު އެވެ. ދަސްތޫރީ ކޯޓުގެ މިޙުކުމްގައި ޕާލަމެންޓް އުވާލުން ހިމެނިފައެއް ނުވި ނަމަވެސް ޕާލަމެންޓް އަލުން ވުޖޫދަށް ގެނައުމަށް މަރްސީ ނެރުއްވި ޤަރާރަކީ ބާތިލް ޤަރާރެއް ކަމަށް ދަސްތޫރީ ކޯޓުން އެންމެ ފަހުން ނިންމި ނިންމުމަކީ ޕާލަމެންޓް އުވާލުމަށް ޢަސްކަރީ މަޖިލީހުން ނިންމި ނިންމުމަށް އެކޯޓުން ތާއީދުކުރުން ކަމަށް ޤާނޫނީ މާހިރުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރަށް މިސްރުގެ ދިމުޤްރާތީ ސަރުކާރުން އިޙްތިރާމްކޮށް އެއާ އެއްގޮތަށް ޢަމަލުކުރި ނަމަވެސް މިސްރުގެ ނުފޫޒު ގަދަ ސިފައިންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ޑރ. މަރްސީގެ ދިމުޤްރާތީ ސަރުކާރު ކޯޅުންގަނޑަކަށް ހިނގައިދާނެ ކަމަށް ބައެއް ފަރާތްތަކުންބުނެ އެވެ. ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަނީ ޙިކްމަތްތެރިކަމާ އެކު މަރްސީ މި މައްސަލަ ޙައްލު ކުރައްވާނެ ކަމަށާއި ކޯޓު އަމުރަށް އިޙްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެ މަރްސީދެއްވި ބަޔާނުން އެކަން ސާބިތުވެއްޖެކަމުގަ އެވެ.
ރައްޔިތުންގެ އުތުރިއެރުމެއްގައި ވެރިކަން ވެއްޓުނު ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމަށް ރައްޔިތުންގެ ތާއީދުނެތް ނަމަވެސް މިސްރުގެ ސިފައިންގެ މުއައްސަސާއަކީ ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިގެންވާ މުއައްސަސާއެކެވެ. ޒަމާނުއްސުރެ ސިފައިންގެ މުއައްސަސާއަށް ތާރީފުކޮށް މިސްރުގައި ކުރެވެމުންދާ ޕްރޮޕަގެންޑާ ތަކާގުޅިގެންނާއި މިސްރު ޙިމާޔަތްކުރުގެ އެންމެ ފަހުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތަކީ ސިފައިން ކަމަށާއި ސިފައިން ރައްޔިތުންނަށް އޯގާތެރިވެ އިޚްލާސްތެރިވާނެ ކަމުގެ ޢަޤީދާ މިސްރުގެ ގިނަބައެއްގެ ހިތްތަކުގައި ބިންވަޅުނެގި ހަރުލާފައިވެ އެވެ.
ނަމަވެސް ބާރާއި ނުފޫޒު ގަދަ މިސްރުގެ ސިފައިންގެ މުއައްސަސާއަކީ މިސްރުގެ މަދަނީ ދައުލަތުގެ ތެރޭގައިއޮތް ދައުލަތެއް ފަދަ ބާރުގަދަ ރޫފަޖެހިފައިވާ މުއައްސަސާ އެކެވެ. އިސްރާއީލާ ކުރިމާތިލާން ތައްޔާރުކޮށްފައިވާ މިސްރުގެ ސިފައިންނަކީ ޢަސްކަރީ ޕްރޮފެޝަނަލް ބައެއްގެ އިތުރުން އެމީހުގެ އަމިއްލަ އިންފްރާސްޓްރަކްޗާތަކާއި ހޮސްޕިޓަލްތަކާއި ފެކްޓްރީތަކާއި ރެސޯޓްތަކާއި ލަގްޒަރީ ހޮޓާތަކާ ކުޅިވަރުކުޅޭ ލަގްޒަރީ ސްޓޭޑިޔަމްތަކާއި އެޕާޓްމަންޓް އިމާރާތްތަކާއި މިހެންގޮސް ދައުލަތެއްގައި ހުންނަ ހުރިހާ ތަކެއްޗެއް މިސްރުގެ ސަރުކާރާ ވަކިން ސިފައިންގެ ނަމުގައި އޮންނަ މުއައްސަސާއެކެވެ. މިތަންތަން ބިނާކުރާ ލޭބަރުންގެ ގޮތުގަ އާއި އިންޖިނޭރުންނާއި ފަންނީ މީހުންގެ ގޮތުގައި ވެސް ތިބެނީ ސިފައިންނެވެ. މިސްރުގެ ސިފައިނަށް އެމެރިކާއިން ވެސް އަހަރެއްގެ މައްޗަށް 1.5 ބިލިޔަން އެމެރިކާ ޑޮލަރު ދޭއިރު މިސްރުގެ ސަރުކާރަށް އެމެރިކާ ދެނީ 1.3 ބިލިޔަން ޑޮލަރުގެ އެހީ އެވެ. ސިފައިންގެ މި އިންފްރާސްޓްރަކުޗަރަކީ މިސްރުގެ މަދަނީ ސަރުކާރުގެ ބާރުހިނގާ ތަންތަނެއްނޫނެވެ. (ނޫސްއެޖެންސީތައް)