12 Jul 2012, 09:25
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށީގެ ތެރޭގައި ފުލުހުންގެ ބެރިކޭޑުތަކެއް ފޮރުވާފައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ވަދެ އެތަކެތި ގެންގޮސްފި އެވެ.
ރޭ 11:30 އެހާކަންހާއިރު ކޯޓު އަމުރެއް ހިފައިގެން އެތަނުގެ ތެރެއަށް ވަދެ އެ ވަގުތު އެތާގައި އިސްކޮށް ހުންނެވި ބޭފުޅަކަށް ކޯޓު އަމުރު ދެއްކުމަށް ފަހު އެތާގެ ގުދަނެއްގެ ތެރެއިން ވަނީ މުޒާހަރާތަކުގައި މަގު ބަންދުކުރުމަށް ފުލުހުން ބޭނުންކުރާ 11 ބެރިކޭޑު ނަގައިފަ އެވެ. އެ ތަކެތި އެތަނުން ނެގުމަށް ފަހު ގެންގޮސްފައި ވަނީ ޕޮލިސް ޓޯޔާޑަށެވެ.
ފުލުހުން ބުނީ އެތަނަށް ވަނުމަށް ކޯޓު އަމުރެއް ރޭ ހޯދީ އެތާގެ ތެރޭގައި އެ ބެރިކެޑުތައް ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ އެ ބެރިކެޑުތައް ނަގަން ޖެހުނީ މަގުމަތީގައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށް ދަތިވަމުން ދާތީ ކަމަށާއި އެތަކެތި ނެގި އިރު އެއީ ކޮންބައެއްގެ އެއްޗެެއް ކަން ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތަކެއްޗަކީ ވަގަށް ނަގާފައިވާ އެއްޗެއް ނޫން ކަމަށާއި އެތަކެތި ނެގީ ބައެއް މީހުންގެ ކުރިމަތީގައި ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ނަގާ އާންމު ރައްޔިތުންގެ ބައެއް ތަކެތި ވެސް ބަލާ އައުމުން އޭގެ ވެރިފަރާތްތަކާ ހަވާލުކުރަމުންދާ ކަމަށާއި އެތަކެތި ބަލައި ކޯޓު އަމުރެއް ހިފައިގެން އަންނަން ނުޖެހޭ ކަމަށެވެ.
މޭޔަރު ވިދާޅުވީ އާންމު ރައްޔިތުންނަށް ހިނގާ ބިނގާވެ އުޅުމަށް އުނދަގޫވާ ގޮތަށް ބެރިކޭޑުތައް ބަހައްޓާނަމަ އަދި ވެސް އެތަކެތި ނަގަމުން ގެންދާނެ ކަމަށެވެ.
"އެތައް ދުވަހެއް ވެއްޖެ އެއެއްޗިހި [މަގުމަތީގައި] ހުންނަތާ. މިހާރު ވެސް އެ އެއްޗިހި އެގޮތަށް ބަހައްޓަފައި ހުރިއްޔާ ނެގޭނެ. މީގައި ކޯޓު އަމުރެއް ހިފައިގެން އަންނާކަށް އެއްވެސް ހާލެއްގައި ނުޖެހޭ. އެތަނަށް އައިސް ބުނީމާ ހުރިހާ ރައްޔިތުންގެ އެއްޗިހި ވެސް ދޫކުރަމުން މިގެންދަނީ. ސިއްރުން ވަގަށް ނަގާފައި ހުރި އެއްޗެއް ނޫން ބައެއް މީހުންގެ ކުރިމަތީގައި އެ އެއްޗިހި ގެންގޮސްފައި ހުންނާނީ،" އަލިބެ ވިދާޅުވި އެވެ.