ފުލުހުންގެ ބަޔަކާއި ގުޅިގެން ފޭރެން އުޅުނު މީހުންގެ ތެރޭގައި ހިމެނޭ މީހަކު ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޖަލަށް ލާން ހުކުމް ކުރީ ގއ. ވިލިނގިލީ ވަސްމީރު، އަޖީތު އަބްދުލް މުހުސިންގެ މައްޗަށެވެ. އަޖީތުގެ (ފޮޓޯގައި) މައްޗަށް ހުކުމް ކުރީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމުން ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް މުއާމަލާތްކޮށް އަމަލުތައް ބެހެއްޓުމުން ގާނޫނުލް އުގޫބާތުުގެ 76 ވަނަ މާއްދާގެ (ށ) ދަށުންނެވެ.

ފުލުހުން އަޖީތު ހައްޔަރުކޮށްފައި ވަނީ މިދިއަ މަހުގެ އަށް ވަނަ ދުވަހު ރޭ ފަތިހު ޔުނީފޯމްގައި ތިބި ހަތަރު ފުލުހަކާއި އާދައިގެ ހެދުމުގައި ހުރި މީހަކާއި ބަންގުލަދޭޝްގެ ބަޔަކާ ގުޅިގެން ބަންގްލަދޭޝްގެ ބަޔަކު ދިރިއުޅޭ ގެސްޓް ހައުސް އަކަށް ވަދެ ބިރުދައްކައި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ދިވެހި ފައިސާ އާއި މޮބައިލް ފޯނު ތަކެއް ފޭރިގެންފައިވާތީ އެވެ.

އަޖީތު ހައްޔަރު ކުރީ ޖޫން 21 ވަނަ ދުވަހު އެވެ.