13 Jan 2025, 19:16
ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިޔާއަށް ވަޑައިގަތުމުން، އެ ގައުމުގެ ރައީސް ރ. އަލާރް ކާރިސް އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒާއި ސަރުކާރުގެ ވަފުދެއް އެސްޓޯނިޔާއަށް ވަޑައިގަތީ، އެ ގައުމުގެ ރައީސްގެ ދައުވަތަކަށެވެ.
ރައީސް އެ ގައުމަށް ވަޑައިގަތުމާއެކު، މަރުހަބާ ދެންނެވުމަށް ކަދްރިއޯގްގައި ހުންނަ ރިޔާސީ ގަނޑުވަރުގައިވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ހަފުލާގައި އެސްޓޯނިއާގެ ސިފައިންވަނީ ދެ ގައުމުގެ ގައުމީ ސަލާމް ކުޅެދީފައެވެ. އޭގެ ފަހުން، ރައީސް ޑރ. މުއިއްޒާއި ރައީސް ޑރ. ކާރިސްވަނީ ގާޑް އޮފް އޮނާ ބައްލަވާލައްވައިފައެވެ.

ގައުމީ ސަލާމުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް
މި ރަސްމިއްޔާތުގައި، ރައީސް މުއިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިން ތައާރަފުވުމަށްފަހު، ދިވެހިރާއްޖޭގެ އިއްޒަތްތެރިން ރައީސް ޑރ. ކަރިސްއަށް ތައާރަފުކޮށްދިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ ފަހުން ދެ ރައީސުން ހަނދާނީ ފޮޓޯއެއް ނެންގެވުމަށްފަހު، ރައީސް މުއިއްޒުވަނީ ރިޔާސީ ގަނޑުވަރުގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސް މުއިއްޒު އެސްޓޯނިޔާގެ ރިޔާސީ ގަނޑުވަރުގެ ވިޒިޓާސް ފޮތުގައި ސޮއިކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުއިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅުގައި އަމާޒުކުރައްވާނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ވިޔަފާރީގެ އެއްބާރުލުން އިތުރުކުރެއްވުމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީގަވަނަންސް އަދި މޫސުމާ ގުޅޭ މައްސަލަތަކުގެ އިތުރުން ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.