11 Jul 2012, 22:49
އަވަސް އިންތިހާބަކަށް ގޮވާލުމުގެ ނަމުގައި އެމްޑީޕީން ފަށައިގެން އުޅޭ "ސިދާ ކުއްލި ހަރަކާތު"ގެ މުޒާހިރާ އަކީ ފުލުހުންގެ ދައުރު އަދާކުރުމަށާއި ފުލުހުންނަށް ހުރަސް އަޅައި ފުލުހުންނާއި ދިމާކުރުމަށް ހިންގާ ޙަރަކާތަކަށް ބަދަލުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ އާންމުކުރި ސްޓޭޓްމަންޓެއްގައި ބުނަނީ އިންތިހާބާބެހޭ ކަންކަމަކީ ޤާނޫނީ ގޮތުން އެހެން ބައެއްގެ މަސްއޫލިއްޔަތެއް ކަމަށާއި ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ރައްކާތެރިކަން ހޯދައިދޭން ކަމަށެވެ.
ފުލުހުން ބުނީ އެމްޑީޕީގެ މުޒާހަރާގައި ފުލުހުންގެ ދައުރަށް ހުރަސްއަޅާ ފަރާތްތައް ހައްޔަރުކުރާއިރު އަނިޔާކުރާ ކަމަށާއި އެފަދަ މީހުން ހައްޔަރުކޮށްފައި ތިބޭއިރު ލިބިދޭނެޖެހޭ ގާނޫނީ ހައްގުތައް ނުދޭ ވާހަކަތައް ފަތުރަނީ ފުލުހުންނާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ކަމަށެވެ.
"މިގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ފުލުހުން ކުރާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ މުއައްސަސާތައް މެދުވެރިކޮށް އެފަދަ މައްސަލަތައް ބެލުމަކީ ފުލުހުން އަބަދުވެސް ތަރުޙީބުދޭ އަދި އެކަމަށް މަރުޙަބާ ކިޔާނެ ކަންކަމެވެ،" ފުލުހުންގެ ސްޓޭޓްމަންޓްގައި ވެއެވެ.
ސީދާ ކުއްލި ޙަރަކާތުގެ ނަމުގައި އެމްޑީޕީން ހުއްޓާ ނުލައި ކުރާ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ކަމަށް ނުބެލެވޭ ކަމަށާއި މިމުޒާހިރާ ކުރާ ފަރާތްތަކުން ފުލުހުންގެ ބެރިކޭޑްތައް ވައްޓާލައި ފޫއަޅުވާލުމަށްފަހު ސަލާމަތީ ސަރަޙައްދުތަކަށް ވަންނަ ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން މިރޭ ބުންޏެވެ. އަދި ބުނީ މުޒާހަރާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނާއި ދިމާއަށް ފެންފުޅިއާ ޕޭމަންޓް ގަލާއި ބެޓެރިން ހަމަލާ ދޭއިރު ފުލުހުންނަށް އަމާޒުކޮށް ހުތުރު ބަސްތައް ގޮވައި ނޭދެވޭ އެތައް ކަންތައްތަކެއް ހިންގާ ކަމަށެވެ.
"... އެމްޑިޕީން މިހާރު ކުރަމުންދާ މުޒާހިރާގެ ގިނަ ޢަމަލުތައް ފެނިގެންދަނީ ޢާއްމު އިޖުތިމާޢީ މިންގަނޑާއި ބެހޭ ޤާނޫނުގައި ބުނާ އިންތަކާއި މިންތަކާއި ޚިލާފަށެވެ. މިގޮތުން މުޒާހަރާގައި ހުއްޓުމެއްނެތި އަޑުގަދަ ކުރުމުން އެހިސާބުގައި ދިރިއުޅޭ ޢާއްމު ފަރުދުންނަށް ބޮޑެތި ދަތިތައް ދަނީ ފޯރަމުންނެވެ. ޚާއްޞަ ގޮތެއްގައި ދަންވަރު ބާރައިގެ ފަހުން ވެސް ދަނީ އަޑުގަދަ ކުރަމުންނެވެ. މީގެ އިތުރުން އެވެސް ސާބިތު ކަމެއްނެތި ފުލުހުންގެ ބޮލުގައި އެކިއެކި ބޭއަދަބީ ތުހުމަތުތައް އަޅުވައި ފުލުހުންނާއި ދިމާކުރުން ވަނީ ޢާއްމު ކަމަކަށް ހަދާފައެވެ،" ޕޮލިސް ސްޓޭޓްމަންޓް ބުނެ އެވެ.
ފުލުހުން ބުނީ ސީދާ ކުއްލި ހަރަކާތުގައި ރޭގެ 12:00 ން ފެށިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރު ކޮށްފައިވާއިރު އެ އެންމެން ވެސް ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުން ކަނޑައަޅާފައިވާ ސަލާމަތީ ސަރަޙައްދުތަކަށް ގަދަކަމުން ވަންނަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ބުނީ މުޒާހަރާގެ ބައިވެެރިން ގަލާއި ފެންފުޅިއާއި ބެޓެރިއާއި ޕޭމަންޓް ގަލުން ދޭ ހަމަލާތަކުން ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށައި މުޒާހިރާގެ ބައިވެރިއަކު ހައްޔަރު ކުރާނަމަ ވަށައިގެން ތިބޭ މީހުން ވެސް ފުލުހުންނަށް އެކިވަރުގެ އަނިޔާ ކުރާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާގައި މިއަދު އިރުއޮއްސުނު ވަގުތު މުޒާހިރާގެ ތެރެއިން މީހަކު އެއްލި ބެޓެރި ބުރިއަކުންޖެހި ސަން އޮންލައިންގެ ނޫސްވެރިއެއްގެ ބޯ ވަނީ ފެޅިފައެވެ. މީގެ އިތުރުން ޕޮލިސް މީޑިއާގެ ކެމެރާމަނަކަށް ވެސް ވަނީ މިރޭ އަނިޔާވެފަ އެވެ.